އަރިއަތޮޅު ދެކުނުބުރީ ދިއްދުއަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްރަށުގެތެރޭގައި ހިމެނޭ ރަށެކެވެ. ރަށުގެ މިހާރުގެ ޖުމުލަ އާބާދީއަކީ 224އެވެ. އެހެންނަމަވެސް ސަރުކާރުން އަންނަނީ އެރަށުގެ ތަރައްޤީއާއި ކުރިއެރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އަރިއަތޮޅު ދެކުނުބުރީ ދިއްދޫގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެތެރެއިން މިހާރު ރަށުގައި ހިނގަމުންދާ އެންމެ ބޮޑު މަސައްކަތަކީ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކޮށް ނިންމާލުމަކީ ރައީސުލްޖުމްހޫރިއްޔާ އބްރާހީމް މުޙައްމަދު ޞާލިޙުގެ މިދައުރުގެ ރިޔާސީ ވަޢުދެކެވެ. އެވަޢުދުގެ ދަށުން މިހާރު މިމަސައްކަތް ނުފަށާއޮތް މީހުން ދިރިއުޅޭ އެއްވެސް ރަށެއް ނެތެވެ.
އެގޮތުން އދ.ދިއްދޫގެ ފެނާއި ނެރުދަމާގެ ނެޓްވޯކްގެ މަސައްކަތާއި އެޑްމިން އިމާރާތުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ މިހާރު ނިންމާލާފައެވެ. މި މުޅި މަޝްރޫޢުގެ މަސައްކަތް ދެމަހެއްހައި ދުވަހުގެތެރޭގައި މުޅިން ނިންމާލެވޭނެކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް ޣައްސާން ޢަބްދުﷲ ވިދާޅުވީ މިހާރު މިމަސައްކަތުގެ ބޮޑު ބައެއް ނިމި ދެންހުރި މަސައްކަތަށް ބޭނުންވާ މެޝިނަރީޒް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ދިއްދުއަކީވެސް ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްފަދައިން ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމެއްނެތި މިހާތަށް އޮތް ރަށެކެވެ. ޒަމާނީ މިފަދަ ނިޒާމެއް ޤާއިމުވެގެން ދިއުމަކީ އެރަށުގެ ރައްޔިތުންގެވެސް ވަރަށްބޮޑު އުންމީދެކެވެ. މި އުންމީދު ފުރިހަމަކޮށްދެއްވިކަމަށްޓަކައި ކައުންސިލްގެ ރައީސް ވަނީ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.
ޖުމުލަ 23.6 މިލިޔަން ރުފިޔާ ހޭދައެއް ކުރައްވައިގެން ސަރުކާރުން ކުރިއަށްގެންދަވާ މިމަޝްރޫޢުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ޑުޕްލެކްސް ކުންފުންޏާއެވެ. މިއީ ގްރީން ފަންޑާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.