ޚަބަރު

އެންމެ ރަނގަޅުގޮތަކީ އަޅުގަނޑާއި، ޔާމީންވެސް ވާދަނުކުރުން: ނަޝީދު


  • ޑިމޮކްރެޓްސް ކުލައާއި ލޯގޯ ވަނީ ފާސްކޮށްފައި

  • ރައީސް ނަޝީދުވަނީ އެންމެ ރަނގަޅުގޮތަކީ އެމަނިކުފާނާއި ރައީސް ޔާމީންވެސް ވާދަނުކުރުންކަމަށް ވިދާލުވެފައި

  • ދަ ޑިމޮކްރެޓްސް އާއި ވާދަކުރައްވާނެކަން އިއުލާންކުރެއްވި

އެންމެ ރަނގަޅުގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިފާނާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންވެސް ކުރިމަތިނުލައްވައި މަޑުކުރެއްވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތުގައި އެންމެ ރަނގަޅުގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމަނިކުފާނާއި، ރައީސް ޔާމީންވެސް ވާދަނުކުރައްވައި، އޭގެ ބަދަލުގައި ދެބޭފުޅުންވެސް އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން އެދޭގޮތް ހޯދައިދެއްވުންކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، އަންނަ ރިޔާސީ އިންތިޚަބުގައި އިދޮކޮޅު ޕީޕީއެމުން ވާދަކުރައްވާނެ ކެނޑިޑޭޓެއްގެގޮތުގައި ކަނޑައަޅުއްވާފައިވަނީ ރައީސް ޔާމީނެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމެއް އޮތުމާއެކު، އިންތިޚާބުގައި ވާދަކުރެވިދާނެކަމާމެދު ވަނީ ސުވާލެއްގެ ތެރޭގައެވެ. އަދި ރައީސް ރައީސް ނަޝިދު އެހެން ވިދާޅުވިއިރު، އެ ޖަލްސާގައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންވެސް ތިއްބެވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މިރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ދެމީހުންވެސް ކުރިމަތިނުލައި، އަޅުގަނޑުމެން ދެމީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މިއެދޭ ގޮތް ހޯދައިދޭންވީ..." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝިދު ވަނީ، ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަންނަވާނެކަން އިޢުލާންކުރައްވާފައެވެ. ރައީސް ނަޝިދު އިސްވެ ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ޕީޕީއެމްގެ އިތުރުން އެހެން ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ވަނީ ދަ ޑިމޮކްރެޓްސްގެގެ ނަމާއި ލޯގޯވެސް ފާސްކޮށްފައެވެ. މިގޮތުން އެޕާޓީގެ ޢާންމު ނަމެއްގެ ގޮތުގައި ފާސްކޮށްފައިވަނީ "ޑިމޮކްރެޓްސް"އެވެ. އަދި ކުލަތަކުގެ ގޮތުގައި ފާސްކުރީ ހުދު ކުލައާއި މަޑުނޫ ކުލައާއި ކަޅުކުލައެވެ. އަދި ޕާޓީގެ އަސާސީ ޤަވާއިދުވެސް ވަނީ މި ޖަލްސާގައި ބައިވެރިވި ބައިވެރިންގެ އިއްތިފާޤުން ފާސްކޮށްފައެވެ.