ޗައިނާގެ އަމަލުތަކުގެ ސަބަބުން ތައިވާނުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވަމުންދާ ކަމަށް ބުނެ ތައިވާނުން އަސްކަރީ ތަމްރީނުތަކެއް ބާއްވައިފިއެވެ. ތައިވާނަކީ ޑިމޮކުރަސީގެ ހަމަތަކުގެ މަތިން ވެރިކަން ކުރާ ސަރަޙައްދެއް ނަމަވެސް، އެއީ ޗައިނާގެ ބައެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ. އަދި، އެ ތަން ޗައިނާގެ ބާރުގެ ދަށަށް ގެންނާނެ ކަމުގައި ވެސް އެ ޤައުމުން ދަނީ ބުނަމުންނެވެ.
ޗައިނާގެ ބިރުދެއްކުންތަކަށް ފަސްޖެހުމެއް ނެތި ތައިވާނުން ގެންދަނީ އެ ޤައުމުގެ އަސްކަރިއްޔާ އިތުރަށް ބާރުވެރިކުރުވައި، ޗައިނާއިން ދީފާނެ ހަމަލައަކަށް ތައްޔާރުވާން މަސައްކަތް ކުރަމުންނެވެ. އަސްކަރީ ތަމްރީނުތައް ބާއްވާފައި ވަނީ އެ ބޭނުމުގައެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދަން ރާވާފައިވާ މި ތަމްރީނުތަކުގައި މިސައިލް ފަދަ ހަތިޔާރުގެ ޓެސްޓުތައް ހަދާނެއެވެ.
ތައިވާނުގެ އަސްކަރީ ތަމްރީނުތައް ބާއްވާފައި ވަނީ އެ ޤައުމުގެ ދެކުނުގައިވާ ޗިންޑުންގުގައެވެ. މި ތަމްރީނުތަކުގައި އަސްކަރީ ޓޭންކުފަހަރަށް ހަމަލަދޭން ބޭނުންކުރާ މިސައިލުތައް ޓެސްޓުކޮށްފައިވާ ކަމުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ސޮން ޑީ-ޕަންގ ވިދާޅުވިއެވެ. އޭގެ ތެރޭގައި އެމެރިކާގައި އުފައްދާފައިވާ "ޓީ.އޯ.ޑަބްލިޔު 2އޭ" މަރުކާގެ މިސައިލް ވެސް ހިމެނެއެވެ.
ޗައިނާގެ ނުރުހުމަށް ބީރުކަންފަތެއް ދިނުމަށް ފަހު އެމެރިކާއިން ދަނީ ތައިވާނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރަމުންނެވެ. އެމެރިކާއާއި ޗައިނާއާ ދެމެދު މި ވަގުތު ޚިޔާލުތަފާތުވުންތައް އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައެވެ.
ތައިވާނުގެ އަސްކަރީ ތަމްރީނުތައް ބާއްވާފައި މި ވަނީ، އެ ޤައުމާއި ޗައިނާއާ ދެމެދު ގުޅުންތައް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. ޗައިނާއިން ދޭތެރެދޭތެރެއިން ދަނީ ތައިވާން ވަށައިގެންވާ ކަނޑާއި ވައިގެ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވަމުންނެވެ. މި ތަމްރީނުތަކުގެ ތެރެއިން ތައިވާން ވަށައިލާފައިވާ ކަން ވެސް ފާހަގަކުރެވެއެވެ. އަދި، ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ދަނީ ދެ ޤައުމުގެ ވައިގެ ސަރަޙައްދު ފާހަގަކުރާ މީޑިޔަން ލައިން ނުވަތަ ރޮނގު ހުރަސްކޮށް ތައިވާނުގެ ސަރަޙައްދަށް އެތެރެވަމުންނެވެ.
މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޗައިނާއިން ބޭއްވި އަސްކަރީ ތަމްރީނުތަކެއްގައި ވެސް އެ ޤައުމުގެ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތަކުން ވަނީ ތައިވާން ވަށައިލާފައެވެ. އެ ފަހަރު ތަމްރީނުތައް ބާއްވާފައި ވަނީ ތައިވާނުގެ ރައީސް ޗައި އިންގް-ވަން އެމެރިކާއަށް ދަތުރުފުޅެއް ކުރައްވައި، އެ ޤައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދަލުކުރެއްވުމުން، އެ ކަމާ ނުރުހުން ވެގެންނެވެ.
ހުސްވި ޖޫން މަހުގެ ތެރޭގައި ވެސް ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ވަނީ ތައިވާނާއި ޗައިނާ ގުޅޭ ކަނޑުގެ ސަރަޙައްދު ކަމުގައިވާ ތައިވާން ސްޓްރެއިޓްސްގައި އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ. އަދި، ޗައިނާގެ އަސްކަރިއްޔާގެ އަށް މަތިންދާބޯޓެއް ވަނީ މީޑިޔަން ލައިން ހުރަސްކޮށް ތައިވާނުގެ ސަރަޙައްދަށް އެތެރެވެފައެވެ. މި ހާދިސާއާ ގުޅިގެން ތައިވާނުގެ ވައިގެ ދިފާޢީ ނިޒާމާއި އަސްކަރިއްޔާ ތައްޔާރީ ހާލަތަކަށް ގެނައެވެ.
ޗައިނާއާއި ތައިވާނާ ދެމެދު ގުޅުންތައް ހީނަރުވެފައިވާ މި ދަނޑިވަޅުގައި ތައިވާނުން ވެސް ދަނީ ޗައިނާއަށް ހުރަސްތައް ކުރިމަތި ކުރަމުންނެވެ. މި ގޮތުން، ޖުލައި މަހުގެ މެދުތެރޭގައި ތައިވާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަތުރުވެރިކަމާ ގުޅޭ ފެޔާއަކަށް ދަތުރުކުރުމުގެ ހުއްދަ ހޯދަން ޗައިނާގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެދުމުން ތައިވާނުން ވަނީ އެ ކަމަށް ދެކޮޅުހަދާފައެވެ. ތައިވާނަށް އެތެރެވުމުގެ ހުއްދަ ދީފައި ވަނީ ޓުވަރ އޮޕަރޭޓަރުންނަށް އެކަނިކަން ފާހަގަކޮށްލަން ޖެހެއެވެ.