ރަޝިޔާގެ ވެރިރަށް މޮސްކޯގެ މައި ވައިގެ ބަނދަރަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލައަކާ ގުޅިގެން އެ ވައިގެ ބަނދަރު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ މޮސްކޯގެ އެންމެ ބޮޑު އެއް ވައިގެ ބަނދަރު ކަމުގައިވާ ވުނޫކަވާ ވައިގެ ބަނދަރަށް ޑްރޯން ހަމަލަތަކެއް ދޭން މަސައްކަތް ކޮށްފައި ވަނީ ޔޫކްރެއިނުން ކަމުގައެވެ.
ވުނޫކަވާ ވައިގެ ބަނދަރަށް ހަމަލަދޭން ޔޫކްރެއިނުން ފަސް ޑްރޯން ބޭނުންކޮށްފައިވާ ކަމަށާއި، މި ހަމަލަތަކާ ގުޅިގެން ވައިގެ ބަނދަރު ބަންދުކޮށް، އެ ތަނުގެ ވައިގެ ދަތުރުތައް މެދުކަނޑައިލި ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. ވައިގެ ދަތުރުފަތުރު މެދުކަނޑައިލުމަށް ފަހު އެ ވައިގެ ބަނދަރަށް ދަތުރުކުރި މަތިންދާބޯޓުތައް ވަނީ އެހެން މަންޒިލްތަކަށް ޑައިވަރޓްކޮށްފައެވެ.
ވުނޫކަވާ ވައިގެ ބަނދަރުގެ އިތުރުން ޔޫކްރެއިނުން މޮސްކޯގެ އެހެން ބައެއް ސަރަޙައްދުތަކަށް ވެސް ޑްރޯން ހަމަލަތައް ދޭން މަސައްކަތް ކޮށްފައިވާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. އަދި، ޔޫކްރެއިނުން ބޭނުންކޮށްފައިވާ ހުރިހާ ޑްރޯންތަކެއް ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. ވުނޫކަވާ ވައިގެ ބަނދަރުގެ ޚިދުމަތްތައް މިހާރު ވަނީ ފަށާފައެވެ.
މި ހަމަލަތަކުގެ ފަހަތުގައި ވަނީ ޔޫކްރެއިން ކަމަށް ރަޝިޔާއިން ތުހުމަތު ކުރި ނަމަވެސް ޔޫކްރެއިނުން އެ ކަމުގެ ޒިންމާ އުފުލާފައެއް ނެތެވެ. ޔޫކްރެއިންގެ ހަތަރު ޑްރޯނެއް ވައްޓައިލާފައި ވަނީ ހަމަލަދީގެން ކަމަށާއި، ފަސް ވަނަ ޑްރޯން އިލެކްޓްރޯނިކް އާލަތްތައް ބޭނުންކޮށްގެން ކޮންޓްރޯލް ކޮށްފައިވާ ކަމުގައި ވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. ޑްރޯން ހަމަލަތައް ދޭން ޔޫކްރެއިނަށް އެހީތެރިވެދީފައި ވަނީ އެމެރިކާ ކަމުގައި ވެސް ރަޝިޔާއިން ވަނީ ތުހުމަތުކޮށްފައެވެ.
މީގެ ކުރިން ވެސް މޮސްކޯއަށް ޑްރޯން ހަމަލަތަކެއް ދޭން މަސައްކަތް ކޮށްފައިވެއެވެ. މީގެ ތެރެއިން ދެ ހަމަލައެއް އަމާޒުކޮށްފައި ވަނީ މޮސްކޯގައި ހުންނަ ރަޝިޔާގެ ރިޔާސީ ގަނޑުވަރު – ކްރެމްލިނަށެވެ. ނަމަވެސް، ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށް އެ ޑްރޯންތައް ވަނީ ވައްޓައިލާފައެވެ. ކްރެމްލިނަށް ހަމަލަދޭން މަސައްކަތް ކޮށްފައި ވަނީ ރައީސް ވްލަޑިމިޔަރ ޕުޓިން އަވާހަރަކޮށްލުމުގެ ނިޔަތުގައި ކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ.
އެ ހަމަލަތަކުގެ ފަހަތުގައި ވެސް އޮތީ ޔޫކްރެއިން ކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ. ނަމަވެސް، ޔޫކްރެއިނުން މިއިން އެއްވެސް ހަމަލައެއްގެ ޒިންމާ އުފުލާފައެއް ނުވެއެވެ. އަދި، ޕުޓިން އަވަހާރަކޮށްލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމުގައި ވެސް ޔޫކްރެއިނުން ވަނީ ބުނެފައެވެ.