ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި އދ.ދިއްދުއަށް ގެއްލުންތަކެއް ވެއްޖެއެވެ.
ގަދަވަޔާއެކު އައި ވިއްސާރާގައި ދިއްދޫގެ ބަނދަރުގައި އަޅާފައި އޮތް ލޯންޗެއް ވަނީ ފެތިފައެވެ. އަދި ބައެއް ގޭގެއާއި އެނޫންވެސް ތަންތަނަށް ގަދަ ވައިގެ ސަބަބުން ގެއްލުންވެފައިވެއެވެ.
ދިއްދޫ ރައްޔިތުން ބުނާގޮތުގައި އެރަށުގެ ބަދަނދަރަކީ އަބަދުވެސް ގަދަވާ ބަނދަރެކެވެ. ޚާއްސަކޮށް ހުޅަނގު މޫސުމުގެ ގަދާގައި ބަނދަރުގައި މިފަދަ ޙާދިސާތައް ހިނގާކަމަށާ، ގަދަ ދުވަސްވަރު އަބަދުވެސް ރައްޔިތުން ތިބެންޖެހެނީ އުޅަނދުފަހަރުގެ ސަލާމަތަށް ބަލަން ފާރައަށްކަމުގައި ރައްޔިތުން ބުންޏެވެ.
ދިއްދޫ ކައުންސިލްގެ ރައީސް ޣައްސާން ޢަބްދުﷲ ވިދާޅުވީ އެރަށުގެ ބަނދަރަކީ އަލަށް ހަދާފައިވާ ބަނދަރެއްކަމަށާ، ބަނދަރުގެ ނެރު ފައިކައްޓަށް ބަލުގެނެސް ވަންނަ ދިމާ ބަދަލުކޮށްފިނަމަ އެކަން ޙައްލުވާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ. އަދި ރައްޔިތުންވެސް އެދެނީ އެގޮތްކަމަށެވެ.
"ރައްޔިތުން އެދޭގޮތަށް މިބަދަލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ދެއްވާފައި" ދިއްދޫ ކައުންސިލްގެ ރައީސް ޣައްސާން ވިދާޅުވިއެވެ.
އދ.ދިއްދޫ ބަނދުރެ ނެރުފައިކައްޓަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުންވަނީ ޕްލޭންކޮށްފައެވެ. މިމަޝްރޫޢުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.