ޚަބަރު

އައްޑޫ ވިޔަފާރިވެރިޔާގެ މަރާގުޅިގެން 2 ވަނަ މީހަކު ހައްޔަރުކޮށްފި


އައްޑޫ ސިޓީ ހިތަދޫން މަރުވެފައި އޮއްވައި ފެނުނު ވިޔަފާރިވެރިޔާގެ މަރާއި ގުޅިގެން 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މިއީ ސ. ހިތަދޫ ބުރުނީ، ޢަލީ އަބްދުﷲ ގެ މަރުގެ ޙާދިސާއާއި ގުޅިގެން ހައްޔަރު ކުރި ދެވަނަ މީހާއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހައްޔަރުކުރި މީހަކީ ޢަލީ އަބްދުﷲ އާއި އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ.

މިމަހުގެ ދެވަނަ ދުވަހު ހިތަދޫ ވަލުތެރޭގައި މަރާލާފައި އޮއްވާ ފެނުނު ޢަލީ ޢަބްދުﷲ މަރާއި ގުޅިގެން އެނާގެ ހަށިގަޑު އޮތް ސަރަހައްދު ބަންދުކޮށް ބަލައި ފާސްކޮށް ބައެއް ތަކެތި ތަހްގީގަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.  ޢަލީ ޢަބްދުﷲ މަރުވެފައި އޮއްވާ ފެނުނު އަލަ އޮޅު ކޮނެ ބައެއް ހެއްކާއި ގަރީނާ ފުލުހުން އެއްކޮށްފައިވާކަމަށް މަޢުލޫމާތުލިބިފައިވެއެވެ. މި މައްސަލައާއި ގުޅިގެން މީގެ ކުރިން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް އިތުކޮށްދެއްވާފައިވެއެވެ.

ޢަލީ އަބްދުﷲ މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ފުލުހުންނަށް ހުށައެޅި ރިޕޯޓަކާއި ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ހިތަދޫ ސްކޫލާއި ދިމާއިން ވަލުތެރެއިންނެވެ. މި މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޚާއްޞަ ތަޙްޤީޤު ޓީމެއް އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުންގެ ތަޙުޤީޤު ޓީމާއެކު ހަރަކާތްތެރިވަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން މަޢުލޫމާތުދެއްވައެވެ.