ޚަބަރު

މަކަރާ ޙީލަތުގެ ތުހުމަތުކުރެވޭ މަމްދޫހު ހައްޔަރުކޮށްފި


  • މަމްދޫހު ހައްޔަރުކުރުމުގެ ޢަމުރު ނެރެފައިވާ ރޭގެ ވަގުތެއްގައި

  • މަމްދޫހުގެ ޕާސްޕޯޓް ދޫކޮށްލި ޢަމުރު އިސްތިއުނާފްކުރުމަށް ވަނީ ނިންމާފައި

  • މަމްދޫހުގެ މައްޗަށް ޚިޔާނާތުގެ ބޮޑެތި ތުހުމަތުތައް ކުރޭ

މަކަރާ ޙީލާތުގެ ތުހުމަތުކުރެވޭ ޙަސަން މަމްދޫހް ފުލުހުން ޙައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓް ޢަމުރެއްގެ ދަށުން މަމްދޫހް މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ. މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ކޭ-ޕާރކް ރެސިޑެންސްއިން ނުއަގުގައި އެޕާޓްމަންޓް ވިއްކައި، އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގިކަމުިގެ ތުހުމަތުކުރެވޭ މަމްދޫހުގެ ޕާސްޕޯޓް ހިފަހައްޓާން ކޮށްފައިވާ ޢަމުރު ކޯޓުން ބާޠިލްކުރީ އިއްޔެއެވެ. މަމްދޫހުގެ ޕާސްޕޯޓް ހިފަހައްޓަންކުރި ޢަމުރު ކްރިމިނަލް ބާޠިލްކުރީ ޟަރޫރީ ބޭނުމެއްގައި ދަތުރުކުރުމަށާއި، 45 ދުވަސް ތެރޭގައި އެދަތުރު ނިންމުމަށްފަހު ކޯޓަށް އަންގަން މަމްދޫހުގެ މައްޗަށް ޝަރުތުކޮށެވެ.

މިއާއެކު އޭނާ ފިލަންއުޅޭކަމަށް އުޅޭކަމުގެ ތުހުމަތުގައި، ފުލުހުން އެދިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ރޭ ނެރުނު ޢަމުރަކާ ގުޅިގެން މިހާރު އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މަމްދޫހުގެ ޕާސްޕޯޓް ދޫކޮށްލަން ކޯޓުން ނިންމި ނިންމުން އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިންމަވާފައެވެ.

ހުޅުމާލޭގައި ކޭ-ޕާކް ފްލެޓް އެޅުމުގެ މަޝްރޫޢުގައި ރާއްޖޭގެ އެޖެންޓްގެ ގޮތުގައި މަސައްކަތް ކުރި ހަންބޯ ކުންފުންޏާއި، އެޗްޑީސީއާއިއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކޮށްކުރަމުންދާ ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތައް ބޭނުންކޮށްގެން އެޕާޓްމަންޓްތައް އާންމުނަށް ވިއްކިކަމުގެ ތުހުމަތު މަމްދޫހުގެ މައްޗަށް ކުރެއެވެ.

ފުލުހުން ވަނީ މި މައްސަލައާއި ގުޅިގެން ކޭ-ޕާރކް ރެސިޑެންސްއިން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން ވީ އެންމެ އަވަހަކަށް ފުލުހުންނާ ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.