އަހަރުގެ ތިންވަނަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން އެއްވަނައަށް ސީޑް ކުރެވިފައިވާ ސްޕެއިނުގެ ކާލޯސް އަލްކަރާޒް ޖާގަ ހޯދައިފިއެވެ.
އޭނާ މިމުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދީ ފުރަތަމަ ބުރުގައި ފަރަންސޭސިވިލާތުގެ ޖެރެމީ ޗާރޑީ އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.
މިމެޗްގެ ސެޓްތައް އަލްކަރާޒް ކާމިޔާބުކޮށްފައިވަނީ ހައެއް ސުމެއް، ހައެއް ދެއެއް އަދި ހަތެއް ފަހަކުންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ އަލްކަރާޒްވަނީ އޭނާގެ ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާކަމުގެ އިހްސާސް އޭނާއަށް ނުކުރެވޭކަމަށް ހާމަކޮށްފައެވެ.
އުމުރުން 20 އަހަރުގެ އަލްކަރާޒް ހާމަކުރިގޮތުގައި އޭނާ އާއި އެއް އުމުރުގެ ފާހަގަކޮށްލެވޭ މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި މިފަހަރުގެ މުބާރާތުގައި އެ ކުޅުންތެރިންނާއެކު ވާދަކުރުމުގެ ފުރުސަތު ލިބިފައިވުމުން އުފާކުރާ ކަމަށެވެ. އަލްކަރާޒްގެ މެޗަކީ ރޭ އެއްކޮށް ކުޅެ ނިންމާލެވުނު މަދު މެޗްގެ ތެރޭގައި ހިމެނުނު އެއް މެޗެވެ. ވިމްބަލްޑަންގައި ރޭ ގިނަ މެޗްތައް ވަނީ ވާރޭވެހުމުގެ ސަބަބުން ކުޅެވޭގޮތް ނުވެ ނުވަތަ ކުޅެމުންދަނިކޮށް މެދުކަނޑާލަން ޖެހިފައެވެ.
މިމެޗު ވެގެންދިޔައީ ޗާރޑީއަށްވެސް ވަރަށް ހާއްސަ މެޗަކަށެވެ. މިމެޗް ފެށުމުގެ ކުރިން ޗާރޑީ ވަނީ މިއީ އޭނާ ސިންގަލްސް މުބާރާތެއްގައި ކުޅޭނެ ފަހު މުބާރާތް ކަމުގައި ހާމަކޮށްފައެވެ. އަދި އޭނާ ސިންގަލްސް ފަހު މެޗްގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ އާއެކު ކުލުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާކުރާކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ. މިއީ ވިމްބަލްޑަންގައި ޗާރޑީ ވާދަކުރި 14 ވަނަ ފަހަރެވެ.