އިނގިރޭސި ވިމެންސް ސުޕަ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި އިންގްލަންޑުގެ ފޯވާޑް އެލޭސިއާ ރޫސޯ އާސެނަލަށް ސޮއިކޮށްފިއެވެ.
ރޫސޯ އާސެނަލް އާއި ގުޅިފައިވަނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. އާސެނަލްއިން ވަނީ މިއަހަރުގެ ޖެނުއަރީ މަހުވެސް ރޫސޯ ހޯދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އާސެނަލްއިން ހުށަހެޅި ދެ ބިޑްވެސް ޔުނައިޓެޑުންވަނީ ގަބޫލުނުކޮށް ދޫކޮށްލާފައެވެ. އަދި ރޫސޯ ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން އާކުރުމަށް އެކްލަބުން ހުށަހެޅި ގިނަ ހުށަހެޅުންތަކެއް ރޫސޯވެސް ވަނީ ގަބޫލް ނުކޮށް ދޫކޮށްލާފައެވެ.
އެހެންކަމުން މިދިޔަ ސީޒަނާއެކު ރޫސޯގެ އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ. އަދި އާސެނަލް އާއި ގުޅިފައިމިވަނީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރޫސޯ ހާމަކުރިގޮތުގައި އޭނާ ބޭނުންވަނީ ކްލަބްގެ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ތަށިތަކެއް ކާމިޔާބުކުރަން ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި އަނެއްކާވެސް ކުޅެން ފަށަން ކެތް މަދުވެފައިވާ ކަމަށާއި މިއި އާޓީމެެއް ކަމަށާއި ދިމާވާނީ އާ ގޮންޖެހުންތަކެއް ކަމަށެވެ.
ރޫސޯ ފާހަގަކުރިގޮތުގައި އަންހެނުންގެ ފުޓްބޯޅަ ވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައިކަމަށާއި މެޗް ބަލަން ވަންނަ ސަޕޯޓަރުންގެ އަދަދުވެސް އަންނަނީ އިތުރު ވަމުން ކަމަށެވެ. މިގޮތުން އާސެނަލް ވިމެން އާއި ވުލްފްސްބަރގް ލޭޑީޒް އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗްގެ ހުރިހާ ޓިކެޓެއް ވިކިގެން ދިއުމަކީ ފާހަގަ ކޮށްލެވޭ ކަމެއް ކަމަށެވެ.