ކުޅިވަރު

ބޮޑީބޯޑިން ވޯލްޑް ޓުއާގައި ހިމެނޭ "މޯލްޑިވްސް ޕްރޯ 2023" ލޯންޗުކޮށްފި


މިދިޔަ އަހަރުގެ ކާމިޔާބީއާއެކު އިންޓަރނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ބޯޑީބޯޑިން ވޯލްޑް ޓުއާގައި ހިމެނޭ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023" ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

މި އަހަރުގެ އޯގަސްޓު މަހުގެ ތިންވަނަ ދުވަހުން ފެށިގެން 12 ގެ ނިޔަލަށް މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ވިޒިޓް މޯލްޑިވްސް ޕްރޯގެ ދެވަނަ އެޑިޝަން މުބާރާތް ލޯންޗުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފައެވެ. މިދިިޔަ އަހަރު 15 ޤައުމަކުން 100 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވިއިރު، މި އަހަރު ބައިވެރިވާނެ ޤައުމުތަކުގެ އަދަދު 20 އަށް އަރާނެ ކަމަށް ބެލެވެއެވެ. މީގެތެރޭގައި ބޮޑީބޯޑިންގެ މަޝްހޫރު އޮސްޓްރޭލިއާ ފަދަ ޤައުމުތައް ހިމެނޭ ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މައުލޫމާތުދެއެވެ.

މުބާރާތް ލޯންޗުކުރުމަށް ފަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ މި މުބާރާތް ބާއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާއްސަ އިސްނެންގެވުމެއްގެ މަތިން ކަމަށާއި, ބޭނުމަކީ ޒުވާން އެތުލީޓުން ކުރިއެރުވުމަށް ރަނގަޅު މާހައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ.

ރާއްޖޭގައި ބާއްވާ ވޯލްޑް ޓުއާގެ މުބާރާތަކީ ދުނިޔޭގެ މުބާރާތަކީ ދެވަނައަށް އެންމެ ގިނަ ޕޮއިންޓު ގުނާ މުބާރާތެވެ. އެހެންކަމުން ދުނިިޔޭގެ އެންމެ ވަރުގަދަ ބޮޑީބޯޑަރުން މި މުބާރާތުގައި ވާދަކުރާނެކަމަށް ބެލެވެއެވެ. މީގެތެރޭގައި ރަޔާން ހާޑީ، މައިކް ސްޓެވާޓް އަދި މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް އޯޕަންގައި ވާދަކުރި ދުނިޔޭގެ ފެންވަރުގެ އެތްލީޓުން ހިމެނެއެވެ.

މި މުބާރާތް ކުރިއަށްދާނީ މިދިޔަ އަހަރެކޭވެސް އެއްގޮތަށް ހަތަރު ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ މެންސް އޯޕަން، ވިމެންސް އޯޕަން، ޖޫނިއާ ކެޓެގަރީ އަދި ޑްރޮޕް ނީ ކެޓެގަރީއެވެ. ފައިސާގެ އިނާމުގެ ގޮތުގައި މި މުބާރާތުގައި ކަނޑައަޅާފައިވަނީ ޖުމްލަ 70000 ޑޮލަރެވެ. އެއީ ފިރިހެން ޗެމްޕިއަނަށް 30000 ޑޮލަރު، އަންހެން ޗެމްޕިއަނަށް 20000 ޑޮލަރު އަދި ޖޫނިއާ އާއި ޑްރޮޕް ނީ ޗެމްޕިއަނަށް 10000 ޑޮލަރެވެ. އެއާއެކު މިއީ ވޯލްޑް ޓުއާ މުބާރާތްތަކުގެ ތެރެއިން ދެވަނައަށް އެންމެ އަގުބޮޑު މުބާރާތެވެ.

މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ޕްރޯގައި ދިވެހި އެތުލީޓުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ދުނިޔޭގެ ވަރުގަދަ އެތުލީޓުންނާއި ވާދަކޮށް ރާއްޖޭގެ އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ވަނީ ޑްރޮޕް ނީ ބައިގެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. މީގެ އިތުރުން ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާ ވަނީ ޖޫނިއާ ބައިގެ ފައިނަލުގައިވެސް ވާދަކޮށް، ދުނިޔޭގެ ރޭންކިންގައި ހިމެނިފައެވެ.