ރާއްޖޭގެ ބިންހިއްކުމުގެ މަޝްރޫޢޫތައް ހިންގެވުމަށްސަރުކާރުންގެންނަވާ ޑްރެޖަރ ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ހިސާބެއްގެ ކަނޑަކުންވެސް ވެލިނަގައިގެން ބިން ހިއްކުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެކުންފުނިން ބުނީ މި ޑްރެޖަރ މިއަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެ ގެނެވޭވަރުވާނެކަމަށެވެ.
އެމްޓީސީސީން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުންދާ ހޮޕަރ ޑްރެޖަރ ރާއްޖެގެނައުން ލަސްވެފައިވަނީ އެއަށް ގެންނަން ބޭނުންވާ މޮޑިފިކޭޝަންތަކެއް ގެންނަމުންދާތީކަމަށް އެމްޓީސީސީން ބުނެއެވެ. އާންމުގޮތެއްގައި މި ސައިޒުގެ ޑްރެޖަރ ހަދާފައި ހުންނަނީ ތިރީސްމީޓަރު އަޑިން ވެލިނެގޭގޮތަށް ކަމަށާ، ނަމަވެސް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ޑްރެޖަރ ތައްޔާރުކުރެވޭނީ ފަންސާސްމީޓަރު އަޑިން ވެލިނެގޭގޮތަށް ބަދަލުތަކެއް ގެނެސްގެންކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ރާއްޖޭގައި ބިންހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުންދާ އެމްޓީސީސީން ބުނީ މިހާރު އެކުންފުނީގައި ބޭނުންކުރާ ޑްރެޖަރުތައް ބޭނުންކޮށްގެން ބިންހިއްކޭނީ ފަޅުތެރޭން ވެލި ނަގައިގެންކަމަށެވެ. އެހެންކަމުން ބިންހިއްކާނަމަ އެތަނެއްގެ ފަޅުތެރޭން ބޮޑުބައެއް ހަލާކުވެގެންދާކަން އެމްޓީސީސީން ފަހަގަކުރެއެވެ. ނަމަވެސް އަލަށް މިގެނެވޭ ޑްރަޖަރަކީ ކަނޑުތެރޭން ވެލިނަގައިގެން ބިންހިއްކުމުގެ ޤާބިލުކަން ލިބިފައިވާ ޑްރެޖަރެއްކަމުން ޚާއްޞަކޮށް ރިޒޯޓްފަދަ ތަންތަން ތަރައްޤީކުރާފަރާތްތަކަށް އެރަށްރަށުގެ ފަޅުތައް ހަލާކުކޮށްނުލާ ބިންހިއްކުމަށް މަގުފަހިވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން އަލަށް ގެނެވޭ ޑްރެޖަރަކީ މިހާރު އެމްޓީސީސީން ދޮޅުއަހަރުން ހިއްކޭ ބިންތައް އެންމެ ތިންމަހެއްހާ ދުވަހުގެ ތެރޭގައި ހިއްކާލެވޭވަރު ޤާބިލުކަން ލިބިފައިވާ ޑްރެޖަރެއްކަން އެމްޓީސީސީން ފާހަގަކުރެއެވެ.
އަލަށް ގެންނަ ޑްރެޖަރ ބޭނުންކޮށްގެން ކޮންމެ ދެދުވަހުން ހެކްޓަރެއްގެ ބިން ހިއްކޭނެކަމަށާ މިކަމަކީ އެމްޓީސީސީން ކުރިޔަށްގެންދާ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ ސްޕީޑް އަވަސްވެގެންދާނެކަމެއްކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. މީގެ އިތުރުން މިހާރު ބިންހިއްކުމުގެ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ބޭރުގެ ކުންފުނިތަކަށް ހޭދަކުރަންޖެހޭ ފައިސާ ރާއްޖޭގައި ހިފެހެއްޓޭނެގޮތް މެދުވެރިވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.