މިހާރު ކުރިއަށްދާ 21 އަހަރުން ދަށުގެ ޔޫރޯ ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ޔޫކްރެއިން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ޔޫކްރެއިން ޖާގަހޯދީ ކުއާޓަފައިނަލްގައި ފަރަންސޭސިވިލާތާއި ބައްދަލުކޮށް 3 ލަނޑު އެއްލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފަރަންސޭސިވިލާތުގެ ޓީމުންނެވެ. އަދި މިމެޗްގެ ފެށުން ރަނގަޅުވީވެސް ފަރަންސޭސި ޓީމްގެއެވެ. މިގޮތުން މެޗްގެ 19 ވަނަ މިނެޓްގައި ފަރަންސޭސީންވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރަޔަން ޗަރކީއެެވެ.
މެޗްގައި ޔޫކްރެއިން އިން އެޓީމްގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރީ މެޗްގެ 32 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެއޯހީ ސުޑަކޯވްއެވެ. އަދި މެޗްގެ 44 ވަނަ މިނެޓްގައި ޔޫކްރެއިން އަށް މިމެޗްގެ ލީޑު ނަގާދިނީވެސް ސުޑަކޯވްއެވެ. މިމެޗްގައި ޔޫކްރެއިންގެ ތިންވަނަ ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި ޖަހާދިނީ އާޓެމް ބޮންޑަރެންކޯއެވެ.
މީ ކާމިޔާބީއާއެކު މިއަންނަ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ސެމީފައިނަލްގައި ޔޫކްރެއިން ވާދަކުރާނީ ސްޕެއިންއާއެވެ.