ކުޅިވަރު

ލައިޕްޒީގަށް ކުޅެމުން އައި ސޮބޯސްލާއި ލިވަޕޫލަށް


ޖަރުމަން ލީގުގެ އާރްބީ ލައިޕްޒީގަށް ކުޅެމުން އައި ހަންގޭރީގެ ޑޮމިނިކް ސޮބޯސްލާއި، އިނގިރޭސި ޕްރިމިއަރ ލީގުގެ ލިވަޕޫލަށް ސޮއިކޮށްފިއެވެ.

ސޮބޯސްލާއި ލިވަޕޫލަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 70 މިލިއަން ޔޫރޯގެ އަގަކަށެވ.

މިއީ އާ ސީޒަނަށް ލިވަޕޫލުން އެޓީމަށް ގެންދިޔަ ދެވަނަ ކުޅުންތެރިޔާއެވެ. ލިވަޕޫލުންވަނީ އެޓީމްގެ ބަލިކަށިވެފައިވާ މެދުތެރެ ވަރުގަދަ ކުރުމަށްޓަކައި މީގެކުރިން އާޖެންޓީނާގެ އެލެކްސިސް މެކް އެލިސްޓަރ އެޓީމަށް ގެންގޮސްފައެވެ. އަދި ސޮބޯސްލާއި އާއެކު ލިވަޕޫލްގެ މެދުތެރެއަށް އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ.

ލިވަޕޫލަށް ސޮއިކުރުމަށްފަހު ވާހަކަދައްކަމުން ސޮބޯސްލާއި ހާމަކުރިގޮތުގައި މިއީ ވަރަށް ތާރީހީ، ރަނގަޅު ކުޅުންތެރިންތަކެއް ތިބި އަދި ރަނގަޅު ކޯޗެއް ހުރި ޓީމެއް ކަމަށެވެ. އެހެންކަމުން އޭނާގެ ކެރިއަރުގައި ދެން އޮތް ހަރުފަތަށް ދިއުމަށްޓަކައި މިއީ އެންމެ ރަނގަޅު އެއް ކްލަބް ކަމަށްވެސް އޭނާ ހާމަކުރިއެވެ.

އުމުރުން 22 އަހަރުގެ ސޮބޯސްލާއި ވަނީ މިދިޔަ ސީޒަންގައި ލިޕްޒިގަށް 31 މެޗް ލީގުގައި ކުޅެދީ 6 ލަނޑު ޖަހާދީ 8 އެސިސްޓް ދީފައެވެ. އަދި ޖަރމަން ކަޕް ޖެހިޖެހިގެން ދެއަހަރު ލިޕްޒިގުން ހޯދިއިރު އޭނާވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕް ހާމަކުރިގޮތުގައި ސޮބޯސްލާއި އަކީ ފާހަގަ ކޮށްލެވޭ ޒުވާން ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާ އާރްބީ ސާލްޒްބާގްއަށް ކުޅުނު އިރު ލިވަޕޫލާއި އިދިކޮޅަށް ކުޅެފައިވާކަމަށާއި އެމެޗް ފެނުނު މީހަކަށް އެއިރުވެސް އޭނާއަކީ ފާހަގަ ކޮށްލެވޭ ހުނަރުވެރިއެއްކަން އެނގޭނެކަމަށެވެ. އަދި އެއަށްފަހު ޖަރުމަން ލީގަށް ބަދަލުވެ ލައިޕްޒީގާއެކު ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާ ހަންގޭރީ ޤައުމީ ޓީމްގައިވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެއް ކަމަށެވެ. އަދި މިއީ ލިވަޕޫލްގެ މިހާރާއި މުސްތަގްބަލަށް ސޮއިކުރެވުނު ރަނގަޅު ކުޅުންތެރިއެއް ކަމުގައި ކްލޮޕް ސިފަކުރެއެވެ.