ދުނިޔެ

އިސްރާއީލުން ފަލަސްތީނުގެ 4 މީހުން ޝަހީދުކޮށްލައިފި


އިސްރާއީލުން ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުކޮށްލައިފިއެވެ. މީގެތެރެއިން 3 މީހުން ޝަހީދުކޮށްލާފައިވަނީ، އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ދިން ބަޑީގެ ޙަމަލާތަކުގައެވެ. އަދި އަނެއް މީހާ ޝަހީދުވެފައިވަނީ، އިސްރާއީލުގެ ޔަހޫދީއަކު ދިން ވަޅީގެ ޙަމަލާއެއްގައެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުންވަނީ އޭނާގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައެވެ. މި ޙާދިސާ ހިނގާފައިވަނީ އިސްރާއީލުގެ އުތުރުގެ ރަށެއްކަމަށްވާ ޔާފާގައެވެ. މީގެއިތުރުން އިސްރާއީލު ވެރިވެގެނެގެންއުޅޭ ޤުދްސުގައިވެސް އިސްރާއީލުގެ ފުލުހުންވަނީ ފަލަސްތީނުގެ ޒުވާނެއްގެ ބޮލަށް ބަޑިޖަހައި ޝަހީދުކޮށްލާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ ޒުވާނުން ވަނީ އިސްރާއީލުގެ އިސްތިއްމާރާ އަޅުވެތިކަމާ ދެކޮޅަށް މިނިވަންކަމުގެ އުތުރި އެރުމެއް ނުވަތަ އިންތިފާޟާ އެއް ފަށާފައެވެ. މިއިންތިފާޟާއަށް 5 މަސްވެފައިވާއިރު އިސްރާއީލުގެ ސަލާމަތީ ބާރުތަކާއި ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ދިން ޙަމަލާތަކުގައި ފަލަސްތީނުގެ 190 އަށްވުރެ ގިނަ ޒުވާނުން ޝަހީދުވެ ފަލަސްތީނުގެ އާންމުންގެ އެތަށް ހާސްބަޔަކު ޒަޚަމްވެފައިވެއެވެ. 

އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިޢުމާރާ ދެކޮޅަށް ފަލަސްތީނުގެ ޒުވާނުން ފަށާފައި މިވާ އިންތިފާޟާ ހުއްޓުވުމުގައި އިސްރާއީލުގެ ސިފައިންނާއި ފުލުހުން ނުކުޅެދިފައިވާއިރު މިކަމުގެ ސަބަބުން އިސްރާއީލުގެ އެތެރޭގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ. މިއާއެކު ބައެއް ޔަހޫދީން އިސްރާއީލު ދޫކޮށް އެމީހުންގެ އަސްލު ޤައުމުތަކަށް ހިޖުރަކުރަން ފަށާފައިވާކަމަށް އިސްރާއީލުގެ ނޫސްތައް ބުނެއެވެ. ފަލަސްތީނުގެ ޒުވާނުން އިންތިފާޟާއެއް ފަށާފައި މިވަނީ ފަލަސްތީނުން އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް ދައްކަމުން ގެންދާތާ 21 އަހަރު ވީއިރުވެސް ފަލަސްތީނުގެ އެންމެ ބިންކޮޅަކުންވެސް ފޭބުމަށް އިސްރާއީލުން ދެކޮޅު ހެދުމުގެ ސަބަބުންނާއި އިސްރާއީލުގެ އަތްދަށުގައިވާ މާތްވެގެންވާ މަސްޖިދުލްއަޤްސާއަށް އިސްރާއީލުގެ ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ކުރަމުން ގެންދާ ގޯނާތަކަށް ކެތް ނުކުރެވިގެންނެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތް ފަދަ ހުރިހާ ޖަމާއަތްތަކުންވެސް ގެންދަނީ އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިޢްމާރާ ދެކޮޅަށް ތެދުވުމަށް ފަލަސްތީނުގެ ޒުވާނުންނަށް ހިއްވަރުދެމުންނެވެ. މިނޫން ގޮތަކަށް ފަލަސްތީނުގެ ހައްޤުތައް ނުލިބޭނެ ކަމަށާއި އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތައް މިނިވަން ނުކުރެވޭނެކަމަށްވެސް ފަލަސްތީނުގެ ޖަމާއަތްތަކުން ބުނެއެވެ.