ކުޅިވަރު

އަނިޔާގެ ސަބަބުން ވިމްބަލްޑަންއިން ކިރްގިއޯސް ވަކިވެއްޖެ


ވިމްބަލްޑަން ޓެނިސް މުބާރާތުގެ މިދިޔަ އަހަރުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ވާދަކުރި އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްގެ އަތަށް ލިބުނު އަނިޔާއަކާ ގުޅިގެން، މި ފަހަރުގެ މުބާރާތުން އޭނާ ވަކިވެއްޖެއެވެ.

މިއަދު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުން ކިރްގިއޯސް އަނިޔާގެ ސަބަބުން ވަކިވިކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމްގައި އޭނާ އާންމު ކުރި މެސެޖެއްގައެވެ. އުމުރުން 28 އަހަރުގެ ކިރްގިއޯސް ހާމަކުރިގޮތުގައި އޭނާގެ އަތްތިލައިގެ ކުޑަހުޅަށްވަނީ އަނިޔާވެފައެވެ. އަދި މުބާރާތް ފެށެން ވާއިރަށް މިއަނިޔާއިން ރަނގަޅު ވުމަށް ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ކިރްގިއޯސް ވަނީ މިދޔަ އަހަރުގެ ފައިނަލްގައި ނޯވަކް ޖޯކޮވިޗް އާއި ވާދަކޮށް ފުރަތަމަ ސެޓް ކާމިޔާބުކުރުމަށްފަހު ޖެހިގެން އައި ތިން ސެޓުން ބަލިވެ 3 ސެޓް އެއްސެޓުން ބަލިވެފައެވެ. ކިރްގިއޯސް މިއަހަރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ. މިގޮތުން އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ފެށެން ގާތްވެފައިވަނިކޮށް އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެ މުބާރާތުން ވަކިވިއެވެ. އަދި ފަހުން ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ރަނގަޅުވެގެން ކުޅުމުގެ ތެރެއަށް އައިސް މިހާތަނަށް ކުޅެފައިވަނީ އެންމެ މުބާރާތެއްގައެވެ.

މިފަހަރުގެ ވިމްބަލްޑަން މުބާރާތުގައި ކިރްގިއޯސް ސީޑް ކުރެވިފައިވީ 30 ވަނައަށެވެ. އަދި ފުރަތަމަ މެޗްގައި އޮތީ ބެލްޖިއަމްގެ ޑޭވިޑް ގޮފިން އާއި ވާދަކުރާ ގޮތަށެވެ. އަދި ޑަބަލްސްގައި ކިރްގިއޯސް އާއި ތަނާސީ ކޮކިނާކީ ބައްދަލުކުރުމަށް ހަމަޖެހިފައިއޮތީ އިނގިރޭސިވިލާތުގެ ޖޯ ސަލިސްބަރީ އާއި އެމެރިކާގެ ރަޖީވް ރާމް އާއެވެ.