ފުޓުބޯޅަ

ޗެލްސީ މިރޭ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް


މިރޭ ޕީއެސްޖީގެ މައްޗަށް ކުރި ހޯދާ، ކުއާރޓާ ފައިނަލުން ޖާގަހޯދޭނެ ވަރުގެ ކުޅުންތެރިން ޗެލްސީގައި އެބަތިބިކަމަށް ޗެލްސީގެ ކޯޗް ގޫސް ހިޑިންކް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި މިރޭ ޗެލްސީގެ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހިޑިންކް ބުނީ މިވަގުތު ޗެލްސީގައި ތިބި ކުޅުންތެރިންނަކީ ޕީއެސްޖީ ބަލިކުރެވޭ ވަރުގެ ކުޅުންތެރިން ތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޓީމެއް ކަމަށާއި، ކުއާރޓާ ފައިނަލުން ޖާގަ ލިބޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ. އެހެންނަމަވެސް ޕީއެސްޖީއަކީވެސް މޮޅު ވަރުގަދަ ކުޅުންތެރިންތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޓީމެއް ކަމަށާއި، މިރޭގެ މެޗަށް ނިކުންނައިރު އެ ޓީމަށްވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެކަމަށް ހިޑިންކް ބުންޏެވެ. 

ޕީއެސްޖީގެ ފޯވާރޑް ޒްލަޓާން އިބްރަހިމޮވިޗް ބުނީ މިރޭގެ މެޗަކީ ތަފާތު މެޗެއް ކަމަށާއި، މިރޭގެ މެޗަށް ނިކުންނާނީ ބަދަލު ހިފުމުގެ ރޫޙުގައި ނޫންކަމަށެވެ. ޗެލްސީއަކީވެސް ވަރުގަދަ ޓީމެއް ކަމަށާ އެ ޓީމާމެދު ސަމާލުވެގެން ނިކުމެއްޖެނަމަ މެޗް ކާމިޔާބުކުރެވޭނެކަމަށް އިބްރަހިމޮވިޗް ބުންޏެވެ. މި ދެ ޓީމު ޕީއެސްޖީގެ ދަނޑުގައި ބައްދަލުކުރި މެޗް ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ ޕީއެސްޖީއެވެ. ޗެލްސީގެ ދަނޑުގައި ކުޅޭ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ބާރަގަޑި ސާޅީސް ފަހެއްގައެވެ.