މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ފުޓްބޯޅަ ޓީމަކީ ބަލިކުރަން ފަސޭހަ ޓީމެއް ނޫން ކަމަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފިއެވެ.
ނޫސްވެރިއަކުކުރި ސުވާލަކަށް ޖަވާބު ދެމުން ސުނިލް ޗެތުރީ ބުނީ މިހާރު މި ސަރަހައްދުން އެންމެ ބޮޑަށް ކުރިއަރާތަން ފެންނަނީ ބަންގްލަދޭޝްގެ ފުޓުބޯޅަ ކަމަށެވެ. ޗެތުރީީ ބުނީ ކޮންމެ ގައުމެއްގެ ފުޓުބޯޅައިގައިވެސް ދަށް ދުވަސްވަަރަކާއި މަތި ދުވަސްވަރެއް އަންނާނެ ކަމަށެވެ. މިސާލެއްގެ ގޮތުން ޗެތުރީ ނެގީ ދިވެހިރާއްޖެއެވެ.
ޗެތުރީ ބުނީ މީގެ ހަތަރެއް ނުވަތަ ފަސް އަހަރު ކުރިން ރާއްޖެ އަކީ ބަލިކުރަން ފަސޭހަ ޓީމެއް ނޫން ކަމަށާއި، ރާއްޖެއަކީ މި ސަރަހައްދުގެ ގަދަ ބާރެއް ކަމަށެވެ.
އިންޑިއާ ވަނީ މި ފަހުން ދުނިޔޭގެ ރޭންކިންގެ 100 ވަނައަށް ޖެހިލައިފައެވެ. އެކަމަކު ޗެތުރީ ބުނީ އިންޑިއާގެ މިހާރުގެ ޓީމަކީ އެގައުމުގެ ތާރީޚުގައި އެންމެ މޮޅު ޓީމުކަން ބުނަން ނޭނގޭ ކަމަށެވެ. އަދި އެއް ޖެނެރޭޝަނުގެ ޓީމާއި އަނެއް ޖެނެރޭޝަންގެ ޓީމާ އަޅާ ކިޔުމަކީ އޭނާ ކުރާ ކަމެއް ނޫން ކަމަށް ޗެތުރީ ބުންޏެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ޗެތުރީ ވަނީ މިހާތަނަށް ފަސް ލަނޑު ޖަހާފައެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ރަން ބޫޓު ހޯދާފައިވަނީ ޗެތުރީއެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ އޭނާއެވެ.