ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގެ މައި މިސްކިތުގެ ކުރިމަތީގައި ކީރިތި ޤުރުއާނުގެ މުޞްޙަފެއްގެ ހުރުމަތް ކަނޑައި، މުސްލިމުންނަށް ފުރައްސާރަކުރި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ސްވިޑެނަށް ސަފީރަކު ފޮނުވަން އީރާނުން ދެކޮޅު ހަދައިފިއެވެ. މުޞްޙަފުގައި ހުޅުޖެހުމުގެ ދަށު ދަރަޖައިގެ އަމަލު ހިންގާފައި ވަނީ އެ ސްވިޑެނަށް ހިޖުރަކޮށްފައިވާ އިރާޤުގެ ރައްޔިތެއް ކަމުގައިވާ ސުލްވާން މުމީކެވެ.
ސްޓޮކްހޯމްގެ މައި މިސްކިތުގެ ކުރިމަތީގައި މުޞްޙަފެއްގައި ރޯކޮށްލާފައި ވަނީ ބަރަކާތްތެރި އަޟުޙާ ޢީދު ދުވަހުއެވެ. ހައްދުފަހަނަ އަޅާފައިވާ ޖައްބާރު މީހެއް ކަމުގައިވާ މުމީކު އެ އަމަލު ހިންގާފައި ވަނީ ސްވިޑެންގެ ފުލުހުން ދީފައިވާ ހުއްދައެއްގެ ދަށުން ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. މުޒާހަރާ ކުރުމަށް މުމީކަށް ހުއްދަ ދީފައި ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ދަށުން ކަމުގައި ފުލުހުން ބުނެއެވެ.
އެ އިޙުތިރާމު ކުޑަ، ދަށުދަރަޖައިގެ ހަޑިމުޑުދާރު އަމަލު ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރުޢަބްދުاللهހިއަން ވިދާޅުވީ، އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އެ ޤައުމަށް އީރާނުގެ ސަފީރަކު ފޮނުވުން މަޑުޖައްސައިލައްވާފައިވާ ކަމުގައެވެ. އަދި، އީރާނުގައި ހުންނަ ސްވިޑެންގެ ޚާރިޖިއްޔާގެ އިސްވެރިޔާ ހާޒިރުކޮށް، އެ އަމަލު ހިންގުމުގެ ފުރުޞަތު ދީފައިވާތީ އެ ކަމާ މެދު އޭނާއާ ވަނީ ސުވާލުކޮށްފައެވެ.
"ސްވިޑެނަށް ފޮނުވާނެ ސަފީރަކު ކަނޑައެޅުމުގެ މަސައްކަތް ވަނީ ނިންމާފައި. ނަމަވެސް، އެ ޤައުމަށް ސަފީރަކު ފޮނުވުމުގެ މަސައްކަތް ވާނީ މަޑުޖައްސައިލާފައި. މި ގޮތަށް އަމަލުކުރަން ނިންމީ، ކީރިތި ޤުރުއާނުގެ މުޞްޙަފެއްގެ ހުރުމަތް ކެނޑުމުގެ ފުރުޞަތު ސްވިޑެންގެ ސަރުކާރުން ދިނުމުން،" އެއީ މުޅި އިސްލާމީ އުންމަތުގެ ދީނީ ޝިޢާރުތަކާ ދެކޮޅު އަމަލެއް ކަން ހާމަކުރަމުން އާމިރުޢަބްދުاللهހިއަން ވިދާޅުވިއެވެ. އީރާނުން ސްވިޑެނަށް ދެން ސަފީރަކު ފޮނުވާނެ ތާރީޚެއް ވެސް އޭނާ އިޢުލާނު ކުރައްވާފައެއް ނުވެއެވެ.
ސްވިޑެނަށް ސަފީރަކު ފޮނުވުން އީރާނުން މަޑުޖައްސައިލާފައި މި ވަނީ ކީރިތި ޤުރުއާނުގެ މުޞްޙަފުތަކުގެ ހުރުމަތް ކަނޑައި، އެއަށް ގެއްލުންދިނުން ފަދަ ހައްދުފަހަނަ އެޅި ޖައްބާރު އަމަލުތަކާއި ދީނީ ނަފުރަތު ފެތުރޭ ފަދަ އަމަލުތައް ހުއްޓުވަން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯ.އައި.ސީ)ން ވެސް ގޮވައިލާފައިވާ ދަނޑިވަޅެއްގައެވެ.
އެ ޖަމުޢިއްޔާއިން މި ކަމަށް ގޮވައިލާފައި ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި އެ ޖަމުޢިއްޔާގެ ކުއްލި ބައްދަލުވުމަކަށް ފަހުއެވެ. އެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވެސް ބައިވެރިވިއެވެ. 57 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އޯ.އައި.ސީން ބުނީ ދީނީ ނަފުރަތު ފަތުރާ އަމަލުތައް ހުއްޓުވަން ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ބޭނުން ހިފަންޖެހޭ ކަމުގައެވެ. އަދި، އެ ކަން ހާސިލުކުރެވޭނީ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަމަށް ވެސް އެ ޖަމުޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"ކީރިތި ޤުރުއާނުގެ މުޞްޙަފުތަކުގެ ހުރުމަތް ކަނޑައި، އެއަށް ގެއްލުންދިނުން ފަދަ ދީނީ ނަފްރަތު ފަތުރާ އަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން މިހާރުވެސް މަނާ ކަމެއް. ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެ ކަން ހަނދާން ކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް،" އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޙުސައިން ބްރާހީމް ޠާހާ ވިދާޅުވިއެވެ.
މުޞްޙަފުގައި ރޯކޮށްލި މައްސަލައިގައި އެންމެ ބޮޑަށް ނުރުހުން ފާޅުކޮށްފައިވާ އެއް ޤައުމަކީ ތުރުކީވިލާތެވެ. އެ އަމަލާ އެކު، ނޭޓޯގެ މެންބަރަކަށްވުމަށް ސްވިޑެނުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އެއް ސަބަބަކީ، އެ ކަމަށް މިހާރު ވެސް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ތުރުކީވިލާތް ކަމުގައިވުމެވެ.
މުޞްޙަފުގެ ހުރުމަތް ކެނޑި މުމީކާ ދެކޮޅަށް ދަޢުވާ ކުރަން ސްވިޑެންގެ ފުލުހުން މިހާރު ވަނީ ހުށަހަޅާފައެވެ. އޭނާއާ ދެކޮޅަށް ދަޢުވާ އުފުލަނީ ވަކި ނަސްލެއް ނުވަތަ ބަޔަކާ ދެކޮޅަށް ނަފްރަތު އުފައްދަން މަސައްކަތް ކުރުމުގެ ކުށުގައެވެ. ކީރިތި ޤުރުއާނާއި މުސްލިމުންނާ ދެކޮޅަށް ނަފްރަތު ފެތުރުމުގެ ބޭނުމުގައި މުޒާހަރާތައް ބޭއްވުމަށް ހުއްދަ ދިނުން ސްވިޑެންގެ ފުލުހުން ވަނީ ހުއްޓައިލާފައެވެ. ނަމަވެސް، އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤަށް އަރައިގަތުން ކަމަށް ކަނޑައަޅައި، ސްވިޑެންގެ ކޯޓަކުން ވަނީ އެ ފަދަ މުޒާހަރާތައް ބޭއްވުމުގެ ހުއްދަ ދޭން ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.