ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން އަނެއްކާ ވެސް ހުޅަނގު އައްސޭރީގެ ޖިނީން ރެފިއުޖީ ކޭމްޕުގައި ލާއިންސާނީ އުދުވާނެއް ފަށައި ފަލަސްޠީން މީހަކު ޝަހީދުކޮށްލައިފިއެވެ. ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ އުދުވާންތައް ފެށުމުގެ ގޮތުން ޔަހޫދީ އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ޖިނީނަށް ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ދީފައެވެ.
ޙަމަލާތައް އަމާޒުކުރުމުގައި ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ ގެދޮރާއި އެ މީހުން ފުރާނައަށް ފަރުވާލެއް ބަހައްޓާފައެއް ނެތެވެ. ވައިގެ ޙަމަލާތައް ދިނުމަށް ފަހު އަސްކަރީ އުޅަނދުފަހަރުގައި ޔަހޫދީ ސިފައިން ވަނީ ޖިނީނަށް ވަދެގަނެފައެވެ. އެ މީހުން ހުއްޓުވަން ފަލަސްޠީނުގެ މުޖާހިދުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޔަހޫދީ ޓެރެރިސްޓު އަސްކަރިއްޔާގެ ވައިގެ ޙަމަލާތަކުގައި ޖިނީންގައި ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ މި ޙަމަލާތަކުގައި އެކަކު މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. އަދި، އިތުރު މީހަކު ވަރަށް ބޮޑަށް ޒަޚަމުވި ކަމުގައެވެ. ޝަހީދުކޮށްލާފައި ވަނީ މުޖާހިދުންގެ ޖަމާޢަތަކަށް ނިސްބަތްވާ މީހެއް ކަން އަދި ސާފެއް ނޫނެވެ.
ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ބުނީ އެ މީހުންގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޓެރެރިސްޓުންނަށް ކަމުގައެވެ. ޔަހޫދީންގެ އަޅުވެތިކަމުން މިންޖުވެ، ފަލަސްޠީނުގެ މިނިވަންކަން ހޯދުމަށް ޖިހާދު ކުރަމުންދާ ހިތްވަރުގަދަ މުޖާހިދުންނަކީ ޓެރެރިސްޓުންގެ ގޮތުގައި އިސްރާޢީލުން ދެކެއެވެ. އަދި، ފަލަސްޠީނުގެ ކޮންމެ ރައްޔިތަކީ ވެސް ޔަހޫދީންގެ ނަޒަރުގައި ޓެރެރިސްޓެކެވެ.
އިސްރާޢީލުގެ އުދުވާންތަކާ ގުޅިގެން ޖިނީންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ގުޅުން ކަމުގައިވާ ޖިނީން ބެޓެލިޔަން ނުވަތަ ޖިނީންގެ ލަޝްކަރުން ބުނީ، ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޖިނީންގެ ކުށެއް ނެތް ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާއިރު ބަލަން ނުތިބެވޭނެ ކަމުގައެވެ. އެ ލަޝްކަރު އެކުލެވިގެން ވަނީ ފަތަޙައާއި ހަމާސް ޖަމާޢަތުގެ އިތުރުން އިސްލާމިކް ޖިހާދުގެ މުޖާހިދުންގެ މައްޗަށެވެ.
ހުސްވި ޖޫން މަހުގެ ތެރޭގައި ވެސް ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު އަސްކަރިއްޔާއިން ވަނީ ޖިނީނަށް އަރައި އެތަކެއް ދުވަސް ވަންދެން ލާއިންސާނީ އުދުވާންތައް ހިންގާފައެވެ. އަދި، ފަލަސްޠީނުގެ ހަ މީހުން ޝަހީދުކޮށްލާފައެވެ. އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން އެ ފަހަރު ޖިނީނަށް އަރާފައި ވަނީ ބަރު ހަތިޔާރާ އެކުގައެވެ. އަދި، ފަލަސްޠީނުގެ ޢާންމުންނަށް ޙަމަލާދޭން އަސްކަރީ ހެލިކޮޕްޓަރުތަކާއި ޑްރޯން ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކުރިއެވެ.