ރަޝިޔާގެ އިސްތިޢުމާރީ ސިފައިންގެ އަތްދަށުން ޔޫކްރެއިން މިނިވަންކުރަން ހަނގުރާމަ ކުރަމުންދާ ސިފައިން ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުން މަނާކޮށްފައިވާ ނުރައްކާތެރި ހަތިޔާރު ބޭނުން ކުރަމުންދާ ކަމުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ ހިޔުމަން ރައިޓްސް ވޮޗް (އެޗް.އާރް.ޑަބްލިޔު)އިން ހާމަކޮށްފިއެވެ. އެ ޖަމުޢިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ، ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުން މަނާކޮށްފައިވާ ނުރައްކާތެރި ހަތިޔާރެއް ކަމުގައިވާ "އެންޓައި-ޕަރސަނަލް ލޭންޑްމައިން" ނުވަތަ މީހުންނަށް ޙަމަލާދިނުމަށް ބޭނުންކުރާ މައިން ބޭނުންކުރަމުންދާ ކަމުގައެވެ.
ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރެއިނުން މަނާ ހަތިޔާރު ބޭނުންކުރަމުންދާ ކަމުގެ ހެކި ލިބިފައިވާ ކަން ހާމަކުރަމުން އެޗް.އާރް.ޑަބްލިޔުއިން ވަނީ، ބައިނަލްއަޤުވާމީ މުޢާހަދާތަކަށް އަމަލުކުރުމަށް ޔޫކްރެއިންގެ ސަރުކާރާއި އަސްކަރިއްޔާއަށް ގޮވައިލާފައެވެ. އަދި، އެ ފަދަ ހަތިޔާރު ބޭނުން ކުރާ ސިފައިންގެ މައްޗަށް ތަހުޤީޤު ހިންގުމަށް ވެސް އެ ޖަމުޢިއްޔާއިން ވަނީ ގޮވައިލާފައެވެ.
"މަނާ ހަތިޔާރު ބޭނުންކުރާ ފަރާތްތަކުގެ މައްސަލަ ތަހުޤީޤުކޮށް، އެ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުމަށް ޔޫކްރެއިން ސަރުކާރުން ވަނީ ވަޢުދުވެފައި. އެ ވަޢުދާ އެއްގޮތަށް އަމަލުކުރަން ޔޫކްރެއިން ސަރުކާރަށް ގޮވައިލަން. އެއީ، ޔޫކްރެއިންގެ ޢާންމު ރައްޔިތުންގެ ސަލާމަތަށް ވެސް ކުރަން ޖެހޭ ކަމެއް،" އެޗް.އާރް.ޑަބްލިޔުގެ ހަތިޔާރާބެހޭ އޮފީހުގެ ޑިރެކްޓަރ ސްޓީވް ގޫސް ވިދާޅުވިއެވެ.
މި ކަމާ ގުޅޭ ގޮތުން އެޗް.އާރް.ޑަބްލިޔުއިން ތައްޔާރުކޮށްފައިވާ ރިޕޯޓާ އެކު އެ ޖަމުޢިއްޔާއިން ވަނީ މޭ މަހުގެ ތެރޭގައި ޔޫކްރެއިން ސަރުކާރަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީއަށް އަދި މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެއެވެ. ޔޫކްރެއިން ސަރުކާރުން މި ކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު، އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގައި ހުންނަ ޔޫކްރެއިންގެ އެމްބަސީން ވެސް މި ކަމާ މެދު ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.
1997 ވަނަ އަހަރު އެކުލަވައިލާފައިވާ ނުރައްކާތެރި ހަތިޔާރު ބޭނުންކުރުން މަނާކުރާ ބައިނަލްއަޤުވާމީ މުއާހަދާގައި ޔޫކްރެއިނުން ސޮއިކޮށްފައި ވަނީ 2005 ވަނަ އަހަރުއެވެ. ރަޝިޔާއިން އެ މުއާހަދާގައި ސޮއިކޮށްފި ނުވި ނަމަވެސް، ރަޝިޔާގެ އަސްކަރިއްޔާއިން ވެސް ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް "އެންޓައި-ޕަރސަނަލް ލޭންޑްމައިން" ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުންކުރަމުންދާ ކަމުގައި ވެސް އެޗް.އާރް.ޑަބްލިޔުއިން ބުންޏެވެ.
2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން އެޗް.އާރް.ޑަބްލިޔުއިން ހަތަރު ރިޕޯޓެއް ޝާޢިއުކޮށްފައިވެއެވެ. އަދި، ރަޝިޔާގެ އަސްކަރިއްޔާއިން 13 ބާވަތެއްގެ "އެންޓައި-ޕަރސަނަލް ލޭންޑްމައިން" ބޭނުންކުރަމުންދާ ކަން އެ ރިޕޯޓުތަކުގައި ވަނީ ހާމަކޮށްފައެވެ. އެ ހަތިޔާރުތަކާ ގުޅިގެން ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ ކަމުގައި ވެސް އެޗް.އާރް.ޑަބްލިޔުއިން ހާމަކުރެއެވެ.
އެ ޖަމުޢިއްޔާއިން އެންމެ ފަހުން ޝާޢިއުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ޔޫކްރެއިންގެ ފައުޖުތަކުން ރޮކެޓްތައް ބޭނުންކޮށްގެން "ޕީ.އެފް.އެމް-1" މަރުކާގެ މައިން އަޅަމުންދާ ކަމުގައެވެ. މި ފަދަ މައިންތައް އެންމެ ގިނައިން ބޭނުންކޮށްފައި ވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ސެޕްޓެންބަރާ ދެމެދުގައި ކަމަށާއި، އިޒްޔުމްގައި ހަރަކާތްތެރިވި ރަޝިޔާ ފައުޖުތަކާ ދެކޮޅަށް އެ ބާވަތުގެ ހަތިޔާރު ބޭނުންކޮށްފައިވާ ކަމުގައެވެ. ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް އިޒްޔުމްގައި "ޕީ.އެފް.އެމް-1" މަރުކާގެ 312 މައިން ބޭނުންކޮށްފައިވާ ކަން އެ ޖަމުޢިއްޔާއިން ހާމަކުރެއެވެ.