ޚަބަރު

ސޫރިޔާގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަ ބަލަނީ


ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއިން ވީނުވީއެއް ނޭނގި ގެއްލިފައިވާ އެތަކެއް ހާސް މީހުންގެ މައްސަލަ ބެލުމަށް މުސްތަގިއްލު މުއައްސަސާއެއް އެކުލަވައިލަން އ.ދއިން ނިންމައިފިއެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށީ 2011 ވަނަ އަހަރުއެވެ. ރައީސް ބައްޝާރް ހާފިޛް އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް ޢާންމު ރައްޔިތުން ހަތިޔާރު ނަގާފައި ވަނީ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކެއް ރޫޅައިލަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަން ފެށުމާ ގުޅިގެންނެވެ. އެ ހަނގުރާމައިގައި ގިނަ ޤައުމުތަކަކާއި ހަތިޔާރުއެޅި ޖަމާޢަތްތަކުން ބައިވެރިވިއެވެ.

12 އަހަރަށް ދެމިގެންދިޔަ ހަނގުރާމައިގައި 100,000 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން އަންދާޒާ ކުރެއެވެ. އަދި، އެ ހަނގުރާމައިގައި 500,000 އަށްވުރެ ގިނަ މީހުން މަރުވެ، އެތަކެއް މިލިޔަން މީހުން ރެފިއުޖީންނަށްވިއެވެ.

ހަނގުރާމައިގެ ތެރެއިން ގެއްލުނު މީހުންނަށް ވީނުވީއެއް ދެނެގަނެ، އެ މީހުންގެ ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަށް މުސްތަގިއްލު މުއައްސަސާއެއް އެކުލަވައިލަން ނިންމާފައި ވަނީ އ.ދގެ ޢާންމު މަޖިލީހުގެ ޤަރާރަކުންނެވެ. މި ޤަރާރަށް 83 ޤައުމަކުން ތާޢީދުކުރިއެވެ. އަދި، 11 ޤައުމަކުން މި ޤަރާރާ ދެކޮޅު ހަދާފައިވާއިރު، 62 ޤައުމަކުން ވަކި އަތަކަށް ޖެހިފައެއް ނުވެއެވެ. މި ކަމާ އެންމެ ބޮޑަށް ދެކޮޅު ހަދާފައި ވަނީ ސޫރިޔާއާއި ރަޝިޔާގެ އިތުރުން ޗައިނާއިންނެވެ. ސޫރިޔާއިން ބުނީ، މުއައްސަސާ އެކުލަވައިލުމުގެ ކުރިން އެ ޤައުމާ މަޝްވަރާކޮށްފައި ނުވާ ކަމުގައެވެ.

"މި ޤަރާރުން ދޭހަވަނީ ސޫރިޔާގެ ދާޚިލީ ކަންކަމަށް ބާރާއި ނުފޫޒު ފޯރުވަން ހުޅަނގުން ބޭނުންވާ މިންވަރު. އަދި، ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ގެންގުޅޭ ނަފުރަތު،" މި ޤަރާރާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ސޫރިޔާއިން އ.ދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބައްސާމް ސައްބާޣު ވިދާޅުވިއެވެ. މިއީ، ހުޅަނގާ ދެކޮޅު ޤައުމުތަކަށް ފުރައްސާރަ ކުރުމުގެ ބޭނުމުގައި ފާސްކޮށްފައިވާ ޤަރާރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޤަރާރު ފާސްވުމާ އެކު "އިންޑިޕެންޑެންޓް އިންސްޓިޓިއުޝަން އޮން މިސިންގ ޕަރސަންސް އިން ދަ ސީރިޔަން ޢަރަބް ރިޕަބްލިކް"ގެ ނަމުގައި މުސްތަގިއްލު މުއައްސަސާއެއް މި ވަނީ އުފެދިފައެވެ. އެ މުއައްސަސާގެ މައިގަނޑު މަޤުޞަދަކީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނަށް ވީނުވީއެއް ދެނެގަތުމަށް މަސައްކަތް ކުރުމާއި، އެ މީހުންގެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.