ޖަރުމަނުގެ ބާލިންގައި ކުރިޔަށްދިޔަ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކޮށް ރަން މެޑެލް ހޯދި ޓީމު އެނބުރި މާލެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މިއަދު ހެދުނު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މާލެއަށް އައުމުން އިޒުއްދީން ފާލަމުން ޓީމަށް މަރުހަބާ ދެންނެވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފުގެ އިތުރުން ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ތައުލީމާ ބެހޭ ވަޒީރު ޑރ. އައިޝަތު އަލީއެވެ. މި ރަސްމިއްޔާތުގެ ތެރެއިން ޤައުމީ ދިފާއީ ބާރުގެ ހަތްކޮޅާއެކު ޓީމު ރައީސްޖުމުހުރީޔާގެ އޮފީހާ ހަމަޔަށް ދިޔުމުން މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ދެކަނބަކަލުންނެވެ.
މި ރަސްމިއްޔާތަށްފަހު ރައީސްލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި އެމަނިކުފާނުގެ އަނބިކަނަބަލުން ފަޒްނާ އަހުމަދު ވަނީ ސްޕެޝަލް އޮލިމްޕިކްސް ގައި ރާއްޖެއިން ބައިވެރިވި ޓީމާ ރައީސް އޮފީހުގައި ބައްދަލުކުރައްވާފައެވެ. ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ހާއްސަ މުބާރާތުން ހާއްސަ ވަނަތަކެއް ލިބިގެން ދިޔުމަކީ ލިބިލެއްވި ހާއްސަ އުފަލެއްކަމަށެވެ. ރައީސް ވަނީ ސަރުކާރުގެ ސިޔާސަތުގެ ދަށުން އެއްވެސް މީހެއް ބާކީ ނުކޮތް އެންމެ ޝާމިލްވާ ގޮތަށް ކުރެވުނު މަސައްކަތްތުގެ ކާމިޔާބުކަން ފާހަގަކުރެއްވެވިއެވެ. އަދި މިފަދަ ބައިނަލްއަގުވާމީ މުބާރާތަކުން ރަންވަނަތަކެއް ހާސިލުކުރެވޭނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަން ފާހަގަކުރައްވަވާ އެފަރާތްތަކަށް ޝުކުރުއަދާ ކުރެއްވެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޕެޝަލް އޮލިމްޕިކްސް ކުރިއަރުވަން މިހާރަށް ވުރެންބޮޑަށް ސަރުކާރު މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
މި ބައްދަލުވުމުގައި ކުޅިވަރާބެހޭ ވުޒާރާގެ ވަޒީރު އަހުމަދު މަހުލޫފްގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސްގެ ރައީސް އައިމިނަތު ޝައިނާ ވަނީ ވާހަދައްކަވާފައެވެ. މިއަދު ރަސްމިއްޔާތުގައި އެތުލީޓުންނަށް މަރުހާބާ ދެންނެވުމަށް ކުޅިވަރު ކޮމިއުނިޓީގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން ވަނީ ޖުމްހޫރީ މައިދާނަށް އެއްވެފައެވެ.
މިފަހަރުގެ ސްޕެޝަލް އޮލިމްޕިކްސްގައި މާނިޔާ ރަން މެޑަލް ހޯދީ ބެޑްމިންޓަން އިވެންޓުންނެވެ. އަދި ލައިކާ ރަން މެޑަލް ހޯދީ ލެވެލް ބީ - އެފް07 ޑިވިޝަނުގެ 100 މީޓަރު ދުވުމުންނެވެ. ރާއްޖެއިން ވަނީ މުބާރާތުގައި ރަންވަންލޯ މެޑަލް ވެސް ހާސިލުކޮށްފައެވެ. މި ފަހަރުގެ ބާލިންގައި އޮތް ސްޕެޝަލް އޮލިންޕިސްގައި ދުނިޔޭގެ 126 ގައުމަކުން ވަނީ ބައިވެރިވެފައެވެ.