ކުޅިވަރު

މި މުބާރާތުން ލުބުނާން ޓީމުގެ ފެންވަރު ވަޒަންކުރެވިއްޖެ: އިލިކް


އިންޑީއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ލުބުނާން ޓީމު ވަޒަންކޮށްލަން ލިބުނު ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު އެލެގްޒަންޑަ އިލިކް ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ކުރިން ލުބުނާނުން ވަނީ އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދިޔަ އިންޓަ ކޮންޓިނެންޓަލް ކަޕުގައިވެސް ކުޅެފައެވެ. އެ މުބާރާތުގެ ފައިނަލުން އިންޑިއާ އަތުން ލުބުނާން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

ރޭ ސާފް ޗެމްޕިއަންޝިޕު ސެމީ ފައިނަލުގައި ލުބުނާނުން އިންޑިއާ އަތުން ބަލިވީ ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުންނެވެ.

މި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލުބުނާންގެ ކޯޗު އިލިކް ބުނީ އިންޑިއާ އާއި ދެކޮޅަށް އޭނާގެ ޓީމުން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.

އިލިކް ބުނީ ލުބުނާނުން މި މުބާރާތައް ނުކުތީ ކުރިއަށް ހުރި މުބާރާތްތަކަށް ޓީމު ޓެސްޓުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން އިންޑިއާގެ އެސިސްޓެންޓް ކޯޗު މަހޭޝް ގޯލީ ބުނީ އިންޑިއާއިން މި މެޗުގެ ފުރަތަމަ ކޮޅު މާ ރަނގަޅަށް ނުކުޅެވުނު ކަމުގައިވީ ނަމަވެސް މެޗުގެ ވަކި ހިސާބަކުން އިންޑިއާއިން ކޮންޓްރޯލް ނަގައި މެޗު "ޑޮމިނޭޓް" ކޮށްގެން ކުޅުނު ކަމަށެވެ.

މިއީ މުޅި އިންޑިއާ ޓީމުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި، މެޗުގައި އިންޑިއާ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނު ނަމަ ތިނެއް ނުވަތަ ހަތަރު ލަނޑުގެ ލީޑަކާއެކު މެޗު ނިންމާލެވުނީސް ކަމަށް މަހޭޝް ބުންޏެވެ.

އިންޑިއާއިން ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ބަންގްލަދޭޝް ބަލިކޮށް ފައިނަލަށް ދަތުރުކުރި ކުވައިތާއެވެ. އެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރެޔެވެ.