ކުޅިވަރު

ޕެނަލްޓީގައި ލުބުނާން ބަލިކޮށް އިންޑިއާ ފައިނަލަށް


އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ލުބުނާން ބަލިކޮށް ފައިނަލަށް އިންޑިއާ ދަތުރުކޮށްފިއެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު އިންޑިއާއިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުންނެވެ. އިންޑިއާގެ 19،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގައިވެސް ދެ ޓީމަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

މި މެޗުގެ ފުރަތަމަ މިނެޓުގައި ލުބުނާނުގެ ނަދާ މާޓާއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ ފަހުން މެޗުގެ ހަތްވަނަ މިނެޓުގައި ލުބުނާނުގެ މުޙައްމަދު އަލީ ދައިނީއަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އޭގެ ފަހުން މެޗުގެ 16 ވަނަ މިނެޓުގައި އިންޑިއާގެ މުޙައްމަދު ކުރުނިޔާނަށް ވަނީ މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ލުބުނާނުގެ އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ކުރުނިޔާން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އަދި މެޗުގެ 19 ވަނަ މިނެޓުގައި އިންޑިއާގެ ޕްރީތަމް ކޮޓާލަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ 42 ވަނަ މިނެޓުގައި ލުބުނާންގެ ކެޕްޓަން ހަސަން މާތޫކް ހިލޭ ޖެހުމަކުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އިންޑިއާގެ ގޯލްކީޕަރު ގުރްޕްރީތް ސިންްގް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި ލުބުނާނުގެ ކަރިމް ޑާވިޗަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.

އޭގެ ފަހުން މެޗުގެ 82 ވަނަ މިނެޓުގައި ލުބުނާނުގެ ކެޕްޓަން މާތުކް، އިންޑިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ ހަތަރު މިނެޓު ފަހުން އިންޑިއާގެ އަންވަރު އަލީ ބޮލުން ފޮނުވާލި ހަމަލާއެއް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ޖެހިފައިނުވާތީ ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެހާފު ވަނީ ކުޅެފައެވެ.

އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު އޭރިއާ ބޭރުން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ލުބުނާނުގެ ކީޕަރު މެހްދީ ޚަލީލެވެ. އޭގެ ދެ މިނެޓު ފަހުންވެސް ޗެތުރީއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ލުބުނާނުގެ ހާފުގެ ތެރެއިން މުޅިން ހުހަށްހުރެ ޗެތުރީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗުގެ 97 ވަނަ މިނެޓުގައި ލުބުނާނުގެ އޮފިޝަލަކަށް ރަތް ކާޑެއް ވަނީ ދައްކާފައެވެ. މި ރަތް ކާޑު ދެއްކީ ތަކުރާރުކޮށް ރެފުރީގެ ނިންމުންތަކަށް ދެކޮޅު ހެދުމާ ގުޅިގެންނެވެ.

މި މެޗުގެ 109 ވަނަ މިނެޓުގައި ލުބުނާންގެ ޚަލީލް ބަދީރް އޭރިއާ ބޭރުން ބާރު ހަމަލާއެއް ވަނީ ފޮނުވާލާފައެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ތިން މިނެޓު ފަހުން އިންޑިއާގެ އުދަންތާ ސިންގް ކުމާރަށްވެސް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އަދި މި މެޗުގެ އިތުރު ވަގުތުގެ ފަހު ހާފުގެ ފަހު މިނެޓު އިންޑިއާގެ ޗަންގޭޓަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ލުބުނާންގެ އޭރިއާ ތެރެއިން މުޅިން ހުސްކޮށް ހުރެ ޗަންގޭޓް ފޮނުވާލި ހަމަލާ ލުބުނާންގެ ކީޕަރު މެހްދީ ޚަލީލް ވަނީ ދިފާއުކޮށްފައެވެ.

އިތުރު ވަގުތުގެ ދެ ހާފުގައިވެސް ނަތީޖާ ނެރެވިފައި ނުވުމުން މި މެޗުގެ ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. ޕެނަލްޓީގައި އިންޑިއާ ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މި ޝޫޓްއައުޓުގައި ލުބުނާނުގެ ކެޕްޓަން މާތުކް ފޮނުވާލި ހަމަލާ އިންޑިއާގެ ކީޕަރު ގުރްޕްރީތް ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން ލުބުނާނުގެ ޚަލީލް ބަދްރް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މި މޮޅާއެކު ފައިނަލުގައި އަންނަ އަންގާރަ ދުވަހު އިންޑިއާއިން ނުކުންނަން ޖެހޭނީ ބަންގްލަދޭޝް ބަލިކޮށް ފައިނަލަށް ދަތުރުކުރި ކުވެއިތާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައިވެސް ވާދަކޮށްފައެވެ. އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.