ކުޅިވަރު

މެޗުގެ ކުރިންވެސް އުނދަގޫ މެޗެއްކަން އެނގޭ، ކުވެއިތުގެ ކުޅުން ދަށް: ބެންޓޯ


އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ނުވާނެކަން މެޗުގެ ކުރިންވެސް އެނގުނު ކަމަށާއި، އެކަމަކު ޖުމްލަކޮށް މި މެޗުން ކުވެއިތު މޮޅުވިޔަސް ކުޅުން ރަނގަޅު ނޫން ކަމަށް އެ ޓީމުގެ ކޯޗު ޕޯޗުގަލުގެ ރުއީ ބެންޓޯ ބުނެފިއެވެ.

ސެމީ ފައިނަލުގައި ކުވެއިތުން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެހި ލަނޑުން 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކުވެއިތުގެ ކޯޗު ބެންޓޯ ބުނީ މި މެޗުގައި ކުވައިތު ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށެވެ. ކުވައިތުގެ ފަރާތުން ދަށް ކުޅުމެއް ފެނުނީ ކީއްވެތޯ ނޫސްވެރިޔަކު އެހުމުން ބެންޓޯ ބުނީ ބައިވަރުކަންކަން އެބަހުރި ކަމަށާއި، އިންޑިއާގެ މޫސުމަށްވެސް އަދިވެސް ނުހޭނޭ ކަމަށެވެ.

ކުވެއިތު ޓީމުގެ ފުރަތަމަ އެގާރައިން ކޮންމެ ދުވަހަކުވެސް ގިނަ ބަދަލުތަކެއް ފެނެއެވެ. އެކަމާ ގުޅިގެން ނޫސްވެރިޔަކު އެހި ސުވާލަށް ޖަވާބު ދެމުން ބެންޓޯ ބުނީ ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ޓީމު "ރޮޓޭޓް" ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމުގައި އޭނާއަށް މާބޮޑު މައްސަލަތަކެއް ދިމާ ނުވާ ކަމަށާއި، ކުވައިތު ޓީމުގައި ތިބީ އެއް ފެންވަރެއްގައި ކުޅޭ ކުޅުންތެރިން ކަމަށް ބެންޓޯ ބުންޏެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބަންގްލަދޭޝްގެ ކޯޗު ހަވިއޭ ކަބްރޭރާ ބުނީ ބަންގްލަދޭޝްއިން މި މެޗުގައި ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށެވެ. އަދި މި ލެވަލްގައި ކޮންމެ މެޗެއް ބަންގްލަދޭޝްއިން ކުޅެފި ނަމަ އެ ޓީމުގެ ފެންވަރު އިތުރަށް މަތިވާނެ ކަމަށް ކަބްރޭރާ ބުންޏެވެ.

ކަބްރޭރާ އިތުރަށް ބުނީ މި މެޗުގައި ބަންގްލަދޭޝްގެ ފަރާތުން ފެނުނު ކުޅުން ފެންނާނެކަމަށް ގިނަމީހުން ހީވެސް ނުކުރާނެ ކަމަށާއި، އެކަމަކު މިއިން ފެންނަނީ މަސައްކަތްކޮށްފި ނަމަ މި ލެވަލްގައި ކުޅެވޭނެކަން ކަމަށެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ބަންގްލަދޭޝް އަލްވަދާއު ކިޔާފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ބަންގްލަދޭޝް އިން މި މުބާރާތުގައި ދެއްކި އެންމެ މޮޅު ކުޅުމެވެ. ބަންގްލަދޭޝް ވަނީ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މައްޗަށް ކުރިހޯދާފައެވެ.