ދީން

ދ. މީދޫ އާއި ލ. މާބައިދޫ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުން


ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ބިނާ ކުރެއްވުމަށް ހަމަޖެހިފައިވާ 10 މިސްކިތުގެ ތެރެއިން އެންމެ ފަހު ދެމިސްކިތް އިމާރާތް ކުރެއްވުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރައްވައިފިއެވެ.

މިކަމަށްޓަކާ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި، ސޮއިކުރައްވާފައިވަނީ ދ. މީދޫގަ 700 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރެއްވުމަށާއި، ލ. މާބައިދޫގަ 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރެއްވުމަށެވެ. މީގެ ތެރެއިން ދ. މީދޫގައި މިސްކިތް އިމާރާތް ކުރެއްވުމަށް ޙަވާލު ކުރެއްވީ، އެސް.ޖޭ. ކޮސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނީގެ ޑިރެކްޓަރ ޝިހާދް އިބްރާޙީމް ސޮއިކުރެއްވި މި އެއްބަސްވުމުގެ ދަށުން 250 ދުވަހުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމަން ޖެހެއެވެ. މި މިސްކިތަށް 6.9 މިލިޔަން ރުފިޔާ ޚަރަދުވާނޭ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.

ލ. މާބައިދޫގައި ބިނާކުރާ މިސްކިތް 175 ދުވަހުގެތެރޭގައި ނިންމުމަށް ޙަވާލުކުރައްވާފައިވަނީ ޙަމްދު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 6.9 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން އިމާރާތްކުރައްވާ މި މިސްކިތުގެ އެއްބަސްވުމުގަ ޙަމްދު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މޫސާ އުމަރު މަނިކުއެެވެ. ސަޢޫދީ ރަސްގެފާނުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރައްވާ މިސްކިތްތަކުގެ މަޝްރޫއަށް ގާތްގަނޑަކަށް 70 މިލިޔަން ރުފިޔާ ޚަރަދުވާނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.