ފްރާންސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ އެންގޯލޯ ކާންޓޭ، ބެލްޖިއަމުގެ ތިންވަނަ ޑިވިޝަނަށް ނިސްބަތްވާ ކުލަބެއް ކަމުގައިވާ ރޯޔަލް އެކްސެލްސިއޯ ވާޓަން ގަނެފިއެވެ.
މައުލޫމާތުލިބިފައިވާގޮތުގައި ލަގްސެމްބޯގް ސަރަހައްދީ ރޮނގާއި ކައިރި ސަރަހައްދަކަށް ނިސްބަތްވާ މިކްލަބްގެ ޗެއާމަން ކަމާއި ކާންޓޭ ހަވާލުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުއެވެ.
މިކްލަބްގެ މިހާރުގެ ޗެއާމަނަކަށް ހުރީ ފްލާވިއޯ ބެކާ ކިޔާ މީހެކެވެ. ކާންޓޭވަނީ ވަރަށް ފަހުން އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީ ދޫކޮށް ސައުދީ އަރަބިއާގެ ޕްރޯ ލީގުގެ އަލް އިއްތިހާދާއި ގުޅިފައެވެ. ރޯޔަލް އެކްސެލްސިއޯ އިން އާންމު ކުރި ބަޔާނެއްގައިވާ ގޮތުން ކްލަބްގެ ތަޅުދަނޑި ކާންޓޭ އާއި ހަވާލުކުރުމަށް ފްލާވިއޯ ހުރީ ހިތްހަމަޖެހިގެންނެވެ.
ކާންޓޭ އަކީ ދުނިޔޭގެ ފެންވަރުގެ ފާހަގަ ކޮށްލެވޭ ކުޅުންތެރިއެއްގެ ގޮތުގައިވެސް އެކްލަބުން ހާމަކޮށްފައިވެއެވެ. މައުލޫމާތުލިބިފައިވާގޮތުގައި ބެލްޖިއަމްގެ މިކްލަބް މިހާރު އުޅެނީ އެޤައުމުގެ ޕްރޮފެޝަނަލް ލައިސަންސް ލިބުމުގެ މަގުމަތީއެވެ. އަދި މިއަންނަ ސީޒަންގައި އެކްލަބް ކުޅުމަށް ހަމަޖެހިފައިވަނީ ބެލްޖިއަމް ނޭޝަނަލް ޑިވިޜަން ވަންގައެވެ. މިއީ ބެލްޖިއަމް ޕްރޯ ލީގަށްވުރެ ދެ ދަރަޖަ ދަށް ލީގެކެވެ.
ރޯޔަލް އެކްސެލްސިއޯއިން ހާމަކުރާގޮތުގައި އެކްލަބްގެ ދަރަންޏެއް ނެތް ކަމަށާއި އަދި ވަރަށް އަވަހަށް ބޯޑް އޮފް ޑިރެކްޓަރުން އައްޔަންކުރެވިގެން ދާނެ ކަމަށެވެ.