ވިޔަފާރި

މާފަރުގަ އާއި މާވަރުލުގައި އެއާޕޯޓު ތަރައްޤީކުރުން


ނ. މާފަރުގަ އާއި ގދ. މާވަރުލުގައި އެއާޕޯޓު ތަރައްޤީކުރުމަށް ޝައުގުވެރިކަން ފާޅުކުރި އެންމެ ރަގަޅު ކުންފުނިތަކަށް ރިކްއެސްޓް ފޯ ޕްރޮޕޯސަލް، އާރުއެފްޕީ، ހުށަހެޅުމުގެ ފުރުސަތު ދީފިއެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަ ޖެނަރަލް ސާމީ އަގީލް ވިދާޅުވީ ގދ.މާވަރުލުގައި އެއަރޕޯޓް ތަރައްޤީކުރުމަށް 9 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އޭގެތެރެއިން 7 ފަރާތަކަށް އާރުއެފްޕީ، ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

އާރުއެފްޕީ، ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ކުންފުނިތަކަކީ ސްރީލަންކާގެ، ސެނޮކް ޓްރޭޑް އެންޑް ކޮމްބައިން، ސިއެރާ ކޮންސްޓްރަކްޝަނާއި ސައުތު ކޮރެއާގެ ސަމަން ކޯރޕަރޭޝަނާއި ޖޫގަން އެސެޓް ކޯރޕަރޭޝަނާއި ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް ކޯރޕަރޭޝަނާއި ޗައިނާ ހަބަރ އިންޖީނިއަރިންގުގެ އިތުރުން ތުރުކީގެ ބޮރޮސާ އިންސާތު ތުރިޒަމެވެ.

ނ.މާފަރު އެއަރޕޯޓް ތަރައްޤީކުރުމަށް 8 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު އާރުއެފްޕީ، ހުށަހެޅުމުގެ ފުރުސަތު ދީފައިވަނީ އޭގެތެރެއިން 6 ފަރާތަކަށް ކަމަށް ސާމީ އަގީލު ވިދާޅުވިއެވެ. އެ 6 ފަރާތަކީ ރާއްޖޭގެ، ސަން ހޮޓެލް އެންޑް ރިސޯޓްސް، ސްރީލަންކާގެ ސެނޮކް ޓްރޭޑް އެންޑް ކޮމްބައިން، ތުރުކީގެ ބޮރޮސާ އިންސާތު ތުރިޒަމް، ސައުތު ކޮރެއާގެ ސަމަން ކޯރޕަރޭޝަނާއި ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް ކޯރޕަރޭޝަން ގެ އިތުރުން ޗައިނާ ހާބަރ އިންޖީނިއަރިންގުންނެވެ.

ޕްރި ބިޑް ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށާއި މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެ ކަމަށް ސާމީ އަގީލް ވިދާޅުވިއެވެ.