ކުޅިވަރު

މުބާރާތުގެ ފެންވަރު މަތިކުރުމަށް ރަނގަޅު ރެފުރީން ބޭނުންވޭ: މަހޭޝް


އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގައި ފެންނަނީ ވަރަށް ފެންވަރު ދަށް ރެފުރީން ކަމަށާއި، މުބާރާތުގެ ފެންވަރު މަތިކުރަން ބޭނުންވާނަމަ ފެންވަރު ރަނގަޅު ރެފުރީން ގެންނަން ޖެހޭ ކަމަށް އިންޑިއާގެ އެސިސްޓަންޓް ކޯޗު މަހޭޝް ގޯލީ ބުނެފިއެވެ.

މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ރަތް ކާޑު ދައްކާފައިވަނީ އިންޑިއާއަށެވެ. އެގޮތުން އެ ޓީމުގެ ކޯޗު އީގޯ ސްޓިމަކަށް ވަނީ މިހާތަނަށް ދެ ރަތް ކާޑު ދައްކާފައެވެ. އެއީ އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުވެއިތާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މަހޭޝް ބުނީ މެޗުގައި ރެފުރީކަން ކުރި ބަންގްލަދޭޝްގެ ރެފުރީ އަލަމްގީރް އަތުން މެޗުގެ ކޮންޓްރޯލް ގެއްލުނު ކަމަށެވެ.

މަހޭޝް ބުނީ މެޗަށް ނުކުތްއިރުވެސް ކުވެއިތުގެ ކުޅުންތެރިން ވަނީ އިންޑިއާގެ ކޯޗު ސްޓިމަކް ރުޅިއަރުވަން އިމާޒު ހިފި ކަމަށާއި، އެގޮތަށް ކުވެއިތުގައި އަމަލުތައް ހުއްޓައި ސްޓިމަކަށް ދެއްކި ރަތް ކާޑަކީ ނާއިންސާފުން ދެއްކި ކާޑެއް ކަމަށެވެ.

މަހޭޝް ބުނީ މި މުބާރާތުގައި ފެނިގެންދަނީ ވަރަށް ދަށް ރެފުރީކަން ކުރުމެއް ކަމަށާއި، އެކަން އިސްލާހުކުރުމަށް ސާފުން ވިސްނަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ފެންވަރު ދަށްވާނީ މުބާރާތް ކަމަށްވެސް މަހޭޝް ބުންޏެވެ.

އިންޑިއާ އާއި ކުވެއިތު ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އެ މެޗުގައި ޖުމްލަ ތިން ރަތް ކާޑު ވަނީ ފެނިގެން ގޮސްފައެވެ.