ސްވިޑެންގައި އިސްލާމްދީނާ ދެކޮޅު ބަޔަކު އަނެއްކާ ވެސް ކީރިތި ޤުރުއާނުގެ މުޞްޙަފަކަށް ގެއްލުންދީ، ރޯކޮށްލައި މުސްލިމުން ރުޅިއަރުވައިލައިފިއެވެ. މި ޖައްބާރު އަމަލު ހިންގާފައި ވަނީ އަޟުޙާ ޢީދު ދުވަހު ވެރިރަށް ސްޓޮކްހޯމްގައި ހުންނަ މިސްކިތެއްގެ ކުރިމަތީގައެވެ. ޓެރެރިޒަމްގެ އަމަލެއްގެ ގޮތުގައި މުސްލިމުން ސިފަކޮށްފައިވާ މި އަމަލާ ގުޅިގެން ސްވިޑެންގެ މުސްލިމުންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މުޞްޙަފުގައި ރޯކޮށްލި މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި، އޭނާއާ ދެކޮޅަށް ދަޢުވާ އުފުލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މުޞްޙަފުގައި ރޯކޮށްލި މައްސަލައިގައި ތުރުކީވިލާތުން ނުރުހުންވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އަދި، ނޭޓޯގެ މެންބަރަކަށްވުމަށް ސްވިޑެނުން ކުރަމުންދާ މަސައްކަތްތަކަށް އަނެއްކާ ވެސް ހުރަސް އެޅޭނެ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.
މުސްލިމުންނާއި ދެކޮޅަށާއި ސްވިޑެންގައި ދިރިއުޅޭ ކުރުދީ ދަރިކޮޅުގެ މީހުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ގޮވައިލާ އެ ޤައުމުގެ ހައްދުފަހަނަ އެޅި ޖަމާޢަތްތަކުން ދާދިފަހުން ވަނީ މުޒާހަރާ ކުރަން ފަށާފައެވެ. ޢީދު ދުވަހު ވެސް މުޞްޙަފުގައި ރޯކޮށްލާފައި ވަނީ އެ ފަދަ މުޒާހަރާއެއްގެ ތެރެއިންނެވެ. މި ކަމާ މެދު ތުރުކީވިލާތުން މީގެ ކުރިން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ސްވިޑެނުން ނޭޓޯގެ މެންބަރު ޤައުމަކަށްވުމަށް އެދި ހުށަހަޅާފައި ވަނީ ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައާ ގުޅިގެންނެވެ. ނަމަވެސް، ނޭޓޯގެ މެންބަރެއް ކަމުގައިވާ ތުރުކީވިލާތުން ވަނީ އެ ކަމަށް ހުރަސް އަޅާފައެވެ. އަންކާރާއިން ބުނަނީ ޓެރެރިސްޓުންގެ ގޮތުގައި އެ ޤައުމުން ދެކޭ ބަޔަކަށް ސްވިޑެންއިން ހިމާޔަތްދެމުންދާ ކަމުގައެވެ. ނޭޓޯގެ މެންބަރަކަށްވުމަށް ސްވިޑެންއަށް އަންކާރާގެ އާނބަސް ބޭނުންވާނެއެވެ.
ސްވިޑެންގައި އަނެއްކާ ވެސް މުޞްޙަފެއްގައި ރޯކޮށްލުމާ ގުޅިގެން ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކާން ފިޛާން ވަނީ ނުރުހުން ފާޅުކުރައްވައި، އެ އަމަލު ކުށްވެރި ކުރައްވާފައެވެ. އަދި، މި ފަދަ އަމަލުތަކަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކުރި ނަމަވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އެމެރިކާއިން ވެސް ވަނީ މި ކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނުގެ ނައިބު ވިދާންތް ޕަޓޭލް ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ސްވިޑެންގެ ޤާނޫނުއަސާސީން ލިބިދީފައިވާ ހައްޤެއް ނަމަވެސް، އެ ފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމުގައެވެ. ނަމަވެސް، ސްވިޑެންއާއި ހަންގެރީ ނޭޓޯގެ މެންބަރުންނަށްވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް އޭނާ ވަނީ އަންކާރާއަށް ގޮވައިލައްވާފައެވެ.
ސްވިޑެންގައި މުޒާހަރާތައް ބާއްވަން ޖެހެނީ ފުލުހުންގެ ހުއްދައާ އެކުގައެވެ. އަދި، މުސްލިމުންނާއި ކީރިތި ޤުރުއާނާ ދެކޮޅަށް އަޑުއުފުލަން މުޒާހަރާތައް ބޭއްވުމަށް ހުއްދަ ދިނުމަށް ފުލުހުން ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް، ސްވިޑެންގެ ކޯޓަކުން ވަނީ އެއީ ޤާނޫނީ ހައްޤުތަކަށް އަރައިގަތުން ކަމަށް ބުނެ، މުސްލިމުންނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން މުޒާހަރާތައް ބޭއްވުމުގެ ހުއްދަ ދީފައެވެ.
ސްވިޑެންގެ ބޮޑުވަޒީރު އުލްފު ކްރިސްޓަރޝޮން ވެސް ވަނީ މުޒާހަރާތަކާ ދެކޮޅަށް އަޑުއުފުއްލަވާފައެވެ. އޭނާ ވެސް ވިދާޅުވަނީ، މުޒާހަރާ ކުރުމުގެ ހައްޤު ޤާނޫނުއަސާސީން ލިބިދީފައިވީ ނަމަވެސް، ކީރިތި ޤުރުއާނުގެ މުޞްޙަފުގައި ހުޅުޖެހުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައެވެ. އަދި، ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ. އަދި، އެ ފަދަ އަމަލުތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ލިބިގެން ވަނީ ފުލުހުންނަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މުޒާހަރާކޮށް މުޞްޙަފުގައި ހުޅުޖެހުމުގެ ފުރުޞަތު ފުލުހުން ދެމުންދާތީ ސްވިޑެންގެ މުސްލިމުން ދަނީ އެ ކަމާ މެދު ނުރުހުން ފާޅުކުރަމުންނެވެ. އަދި، އެ ފަދަ އަމަލުތައް ހިންގުމަށް މުޒާހަރާތައް ބޭއްވުމުގެ ހުއްދަ ދޭތީ، އެ ކަމާ ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސްޓޮކްހޯމްގެ މިސްކިތެއްގެ ޑިރެކްޓަރު އަދި އިމާމް މަޙްމޫދު ޚަލްފީ ވިދާޅުވީ، މުޒާހަރާ ކުރަމުންދިޔަ މީހުން މިސްކިތާ ދުރު ހިސާބަކަށް ފޮނުވައިދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި ކަމުގައެވެ. އަދި، އެއީ ޤާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރެއް ނަމަވެސް، ފުލުހުން އެ ކަން ކޮށްދީފައި ނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަޟުޙާ ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް އެ މިސްކިތަށް 10,000 އަށްވުރެ ގިނަ މުސްލިމުން ޖަމާވިއެވެ.
ޖަނަވަރީ މަހު ވެސް ސްވިޑެންގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހަކު ވަނީ ކީރިތި ޤުރުއާނުގެ މުޞްޙަފެއްގައި ރޯކޮށްލާފައެވެ. އެ މައްސަލައިގައި މުޅި މުސްލިމް އުންމަތުގެ ނުރުހުން ސްވިޑެންއަށް އަމާޒުވެގެންދިޔަ އިރު، ތުރުކީވިލާތުން ވަނީ ނޭޓޯގެ މެންބަރުކަމާ ގުޅޭ ގޮތުން އެ ޤައުމާ މަޝްވަރާ ކުރުން މެދުކަނޑައިލާފައެވެ.