ޚަބަރު

ރަޝިޔާއިން އަތްގަދަކޮށްފައިވާ އިތުރު ސަރަޙައްދެއް މިނިވަންކޮށްފި


ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވާ ޔޫކްރެއިންގެ ދެކުނުގައިވާ ސަރަޙައްދެއް ޔޫކްރެއިން ސިފައިން މިނިވަންކޮށްފިއެވެ. ޔޫކްރެއިންގެ ފައުޖުތަކުން މިނިވަންކޮށްފައި ވަނީ ޑޮނެޓްސްކުގައި އޮންނަ ކުޑަ ރަށެއް ކަމުގައިވާ ރަވްނާޕޯލެވެ. އެ ރަށް މިނިވަންކޮށްފައި މި ވަނީ ރަޝިޔާގެ އިސްތިޢުމާރީ ފައުޖުތަކާ ދެކޮޅަށް ހިންގަމުންދާ ކައުންޓަރއޮފެންސިވް ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭނުގެ ދަށުންނެވެ.

ޔޫކްރެއިންގެ ދިފާޢީ ވަޒީރުގެ ނައިބު ހަނާ މަލްޔާރު ވިދާޅުވީ ރަވްނާޕޯލް މި ވަގުތު އޮތީ ޔޫކްރެއިންގެ މިނިވަން ކަން ދިފާޢުކުރަން ހަނގުރާމަ ކުރަމުންދާ ފައުޖުތަކުގެ ބާރުގެ ދަށުގައި ކަމުގައެވެ. އަދި، ޔޫކްރެއިންގެ ސިފައިން ކުރިއަށް ޖެހި، ރަޝިޔާގެ ފައުޖުތައް ފަހަތަށް ޖައްސަމުންދާ ކަމުގައެވެ.

އެ އަވަށް މިނިވަން ކުރުމަށްފަހު އެ ރަށުގައި ޔޫކްރެއިންގެ ދިދަ ނަގާ މަންޒަރު ފެންނަ ވީޑިޔޯއެއް ވެސް ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ ޢާންމުކޮށްފައެވެ. އެ ރަށުން ރަޝިޔާ ސިފައިން ފައިބާފައިވާ ކަމުގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެއެވެ.

ރަޝިޔާގެ އިސްތިޢުމާރީ ބާރާ ދެކޮޅަށް ޔޫކްރެއިނުން ރައްދު ޙަމަލާގެ ކެމްޕޭން ފަށާފައި ވަނީ މި މަހުގެ ކުރީކޮޅެވެ. ނަމަވެސް، މި ކެމްޕޭންގެ ދަށުން ބޮޑެތި ކުރިއެރުންތަކެއް އަދި ހޯދިފައި ނުވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އެއްބަސްވެ ވަޑައިގަންނަވައެވެ. މި ކެމްޕޭނުގައި ޔޫކްރެއިނުން ދަނީ ހުޅަނގުން ފޯރުކޮށްދީފައިވާ ފަހުގެ ޒަމާނީ ހަތިޔާރު ބޭނުން ކުރަމުންނެވެ.

ޑޮނެޓްސްކުގެ ދެކުނުން އޮންނަ ވިލީކާ ނަވާސިއޯކާއާއި އެ ސަރަޙައްދުގައި އޮންނަ މޮކްރީ ޔާލީ ކޯރުގެ ވާދީ އޮންނަ ސަރަޙައްދުގައި ޔޫކްރެއިންގެ ފައުޖުތަކުން ކުރިއަށް ޖެހެމުންދާ ކަމުގައިވާ އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެއެވެ. އަދި، ރަވްނާޕޯލް ހިފުމާ އެކު، އެ ސަރަޙައްދުގައި އޮންނަ އެހެން އަވަށްތައް މިނިވަން ކުރުމުގެ މަގުފަހިވެފައިވާ ކަމުގައި ވެސް އެ ފަރާތުން ބުނެއެވެ.

ރަވްނާޕޯލްގައި ތިބި ރަޝިޔާގެ ސިފައިންނަށް އަމާޒުކޮށް ޔޫކްރެއިންގެ ފައުޖުތަކުން ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ކަން ރަޝިޔާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. މަލްޔާރް ވިދާޅުވީ، ޑޮނެޓްސްކުގައި ރަޝިޔާގެ އަތްދަށުގައި އޮތް 17 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް މިހާތަނަށް މިނިވަންކޮށްފައިވާ ކަމުގައެވެ. އެއާ އެކު، ޖުމުލަ 130 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް މިނިވަން ކުރެވިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނުން މިހާތަނަށް މިނިވަންކޮށްފައިވާ އެންމެ ބޮޑު ސަރަޙައްދަކީ ޑޮނެޓްސްކުގައި އޮންނަ ބޯޓުދެލި ނަގާ ސަރަޙައްދެއް ކަމުގައިވާ ވުގްލިދާރެވެ. ޔޫކްރެއިންގެ ދެކުނުގައި އޮންނަ ޒަޕޮރީޜިޔާ ސަރަޙައްދު މިނިވަންކުރަން ވެސް އެ ޤައުމުގެ ފައުޖުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ޒަޕޮރީޜިޔާ ކައިރީގައި އޮންނަ ތަކްމަކުގެ އިތުރުން ބަޚްމުތް މިނިވަން ކުރަން ވެސް އެ ޤައުމުގެ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.