އޭނާގެ މެންޓަލިޓީ އަކީ ހުރިހާ މެޗަކުން މޮޅުވުން ކަމަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.
އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ނަތީޖާއާ މެދު ގިނަ ބަޔެއްގެ ފާޑުކިޔުން ކޯޗަށް ވަނީ އަމާޒުވެފައެވެ.
މުބާރާތް ފެށުމުގެ ކުރިން ކޯޗު ބުނެފައިވަނީ އޭނާގެ މެންޓަލިޓީ އަކީ އިޓާލީގެ މެންޓަލިޓީ ކަމަށެވެ. ލުބުނާން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން މޮރިއޭރޯ ބުނީ ލުބުނާން މެޗުގައި ރާއްޖޭގެ ޓީމުން ރަނގަޅަށް ކުޅުނު ކަމަށެވެ. އަދި މިއީ އޭނާ ބޭނުންވާ ކުޅުން ކަމަށެވެ.
"އަހަރެން މިހުރީ އުފަލުން ކުޅުމާމެދު، އެކަމަކު ނަތީޖާއާ މެދު ހިތްހަމައެއް ނުޖެހޭ.ޤައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ
ނޫސްވެރިންގެ މި ބައްދަލުވުމުގައި މޮރިއޭރޯ ބުނީ ކޮންމެ ކޯޗެއްގެވެސް މެންޓަލިޓީ އަކީ މެޗުތަކުން މޮޅުވުން ކަމަށެވެ. އެގޮތުން އޭނާގެ މެންޓަލިޓީއަކީވެސް މެޗުތަކުން މޮޅުވުން ކަމަށް މޮރިއޭރޯ ބުންޏެވެ.
ޤައުމީ ޓީމުން ނެރޭ ނަތީޖާ ދަށްވުމާއި ގުޅިގެން މަގާމުން އިސްތިއުފާ ދޭނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން މޮރިއޭރޯ އެ ސުވާލަށް ޖަވާބެއް ދީފައެއް ނުވެއެވެ.
މޮރިއޭރޯ ބުނީ ގައުމީ ޓީމުން ގިނަ މެޗުތަކެއް ކުޅުމަށްފަހު މި މުބާރާތަށް އައި ނަމަ ރާއްޖޭގެ ފަރާތުން މިއަށްވުރެ ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށެވެ. އެގޮތުން މި މުބާރާތުގައި ރާއްޖެއިން ކުޅުނު މެޗަކަށްފަހު މެޗެއް ކުޅުން ރަނގަޅު ކުރި ކަމަށް މޮރިއޭރޯ ބުންޏެވެ.
މީގެ އިތުރުން މޮރިއޭރޯ ބުނީ ލުބުނާން މެޗުން ބަލިވި ނަމަވެސް އޭނާ އުފާވާ ކަމަށެވެ. އަދި ލުބުނާން މެޗުގައި ޤައުމީ ޓީމުގެ ފަރާތުން ފެނުނު ޑިސިޕްލިން ކުޅުމާމެދުވެސް އުފަލުން ހުރި ކަމަށްވެސް މޮރިއޭރޯ ބުންޏެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެފައި ވަނީ ބޫޓާން އަތުން އެކަންޏެވެ. އޭގެ ފަހުން ބަންގްލަދޭޝް އާއ ލުބުނާން އަތުން ރާއްޖެ ވަނީ ބަލިވެފައެވެ.