ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އެ ޤައުމުގެ އިރުމަތީގައިވާ ޑޮނެޓްސްކަށް ވަޑައިގަންނަވައި ހަނގުރާމައިގެ ކުރީ ސަފަށް ޒިޔާރަތް ކުރައްވައިފިއެވެ. ޑޮނެޓްސްކުގެ ބޮޑު ބައެއް މިހާރު އޮތީ ރަޝިޔާގެ އަތްދަށުގައެވެ. އެ ސަރަޙައްދަށް ކުރެއްވި ދަތުރުފުޅުގައި ޒެލެންސްކީ ވަނީ ރަޝިޔާގެ އަތްދަށުން ޔޫކްރެއިން ސަލާމަތް ކުރަން ހަނގުރާމަ ކުރަމުންދާ ސިފައިންނާ ބައްދަލުކުރައްވާފައެވެ.
އޭނާ ބައްދަލުކުރައްވާފައިވާ ސިފައިންގެ ތެރޭގައި ރަޝިޔާއިން އަތްގަދަކޮށްފައިވާ ބަޚްމުތް މިނިވަންކުރަން ހަނގުރާމަ ކުރަމުންދާ ސިފައިން ވެސް ހިމެނެއެވެ. ރަޝިޔާއަށް ބަޚްމުތައް އަތްގަދަ ކުރެވިފައި ވަނީ 10 މަހަށްވުރެ ގިނަ ދުވަހުގެ ދިގު ހަނގުރާމައަކަށް ފަހުއެވެ. ބަޚްމުތް ހިފުމަށް ކުރި ހަނގުރާމައިގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ ރަޝިޔާގެ ކުލީ ސިފައިންގެ ކުންފުނި – ވާގްނަރ ގުރޫޕުގެ ފައުޖުތަކުންނެވެ.
ބަޚްމުތް ހިފުމަށް ފަހު ވާގްނަރގެ ސިފައިން ވަނީ ރަޝިޔާގެ ދެކުނުގެ ސަރަޙައްދަށް އަރައި ބަޣާވާތްކޮށް ދެ ރަށަކަށް ވެސް އަތްގަދަކޮށްފައެވެ. ރަސްތޮފާއި ވަރޯނިޝަށް އަތްގަދަކޮށް، އެ ދެ ރަށުގައިވާ އަސްކަރީ މަރުކަޒުތައް ވާގްނަ ގުރޫޕުގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު އެ ގުރޫޕުން ވަނީ ސަރުކރާ ދެކޮޅަށް ފެށި ބަޣާވާތް ހުއްޓައިލާފައެވެ. އެ ގުރޫޕުގެ ކުލީ ސިފައިން މިހާރު ވަނީ ބެލަރޫސްއަށް ދަތުރު ފަށާފައެވެ.
ޔޫކްރެއިނުގެ އިރުމަތީގައިވާ ދޮންބާސް ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ އެ ޤައުމުގެ ޚޯރްތިތްސާ އޮޕަރޭޝަނަލް އެންޑް ސްޓްރެޓީޖިކް ގުރޫޕުގެ ސިފައިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވަނީ ޔޫކްރެއިންގެ މިނިވަންކަމަށް އެ މީހުން ކުރަމުންދާ ހަނގުރާމައާއި ވަމުންދާ ގުރުބާނީއަށް ހިތްވަރުދެއްވާފައެވެ. އަދި، ރަޝިޔާ ސިފައިންނާ ދެކޮޅަށް އިސް ދައުރެއް އަދާކޮށްފައިވާ ސިފައިންނާއި، ކާމިޔާބީތައް ހޯދާފައިވާ ސިފައިންނަށް މެޑެލި ހަވާލުކޮށްދެއްވާފައެވެ.
ދޮންބާސްގައި ހިމެނޭ ޑޮނެޓްސްކާއި ލުހާންސްކްގެ ބޮޑު ސަރަޙައްދަކަށް ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވާއިރު، އެއީ ރަޝިޔާގެ ބަޔެއްގެ ގޮތުގައި އެ ޤައުމުން މިހާރު ދެކެއެވެ. ނަމަވެސް، ޔޫކްރެއިނުން ދާދި ފަހުން ވަނީ ރަޝިޔާ ސިފައިންނާ ދެކޮޅަށް ކައުންޓަރއޮފެންސްސިވްއެއް ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭނެއް ފަށާފައެވެ. އަދި، އެ ކެމްޕޭނުގެ ދަށުން ޔޫކްރެއިންގެ ސިފައިން ކުރިއެރުންތަކެއް ހޯދަމުންދާއިރު، ބަޚްމުތަށް އަތްގަދަކޮށްފައިވާ ސިފައިން ފަހަތަށް ޖެއްސުމުގައި ވެސް ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ.