ޚަބަރު

މިނިކާވަގެއް ފެނުނުކަމަށް ބުނާ ރިޕޯޓަކާއެކު ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ


  • މިނިކާވަގު ފެނުނުކަމަށް ބުނަނީ މާފަރު އެއަރޕޯޓް ސަރަހައްދުން

  • އެމްއެންޑީއެފްއިން ދަނީ ހަރަކާތްތެެރިވަމުން

  • ފެނުނުކަމަށް ބުނާ މިނިކާވަގުގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައެއް ނުވޭ

ނ.މާފަރުން މިނިކާވަގެއްކަމަށް ބެެލެވޭ ޖަނަވާރެއް ފެނިގެން ރިޕޯޓްކުރުމާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކުން ހަރަކާތްތެެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ނ.މާފަރު އެއަރޕޯރޓުގެ ފެންސުގެ އެތެރެއިން ހޭޅިފަށުން ގޮތްނޭގޭ ޖަނަވާރެއް ފެނުނުކަމުގެ ރިޕޯޓެއް މިއަދުގެ 5 ޖަހާކަންހާއިރު މާފަރު އެއަރޕޯރޓުގައި ތިބޭ ސިފައިންނަށް ލިބިފައިވާކަމަށެވެ.

މިގޮތުން މަޢުލޫމާތާއިއެކު ލިބިފައިވާ ވީޑިއޯ ކްލިޕުން އެއީ ކޮން އެއްޗެއްކަން ޔަޤީންކުރެވިފައިނުވާތީ، މާފަރުގައި ތިބޭ ސިފައިންދަނީ މާފަރު އެއަރޕޯރޓާއި ގުޅިގެން އެހޯދުމުގެ މަސައްކަތްކުރަމުންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން އެއްވެސް އެއްޗެއް ފެނިފައިނުވާތީ، ވީޑިއޯ ކްލިޕުން ފެނުނީ ކޮންއެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި މާދަމާ އިތުރު ސިފައިން މާފަރަށްގޮސް މިހާރު ކުރިއަށްދާ ސަރޗް އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށް ރޭވިފައިވާކަމަށެވެ.

މިއަދު އިރުއޮއްސެނިކޮށް ލިބުނު މި ރިޕޯޓާއި ގުޅިގެން ރަށުގެ ރައްޔިތުން ސަމާލުވުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ..