ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ މައްސަލަ ދިރާސާކުރަމުން އަންނަ ކަމަށާއި، މި ވަގުތު ފޯޯކަސް ހުރީ ކުރިއަށް އޮތް މެޗަށް ކަމަށް ޓީމުގެ މެނޭޖަރ އަބްދުﷲ ޝިބާއު ބުނެފިއެވެ.
ބަންގްލަދޭޝް އަތުން 3-1 ގެ ނަތީޖާއަކުން ރާއްޖެ ބަލިވި މެޗަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދާރީނުވެ ކޯޗު މޮރިއޭރޯ ވަނީ އެ ބައްދަލުވުން ދޫކޮށް ގޮސްފައެވެ. އެއާއެކު ނޫސްވެރިންގެ އެ ބައްދަލުވުމުގައި ވާހަކަ ދެއްކީ ޝިބާއުއެވެ. ޝިބާއު ބުނީ ކޯޗުގެ އެ އަމަލު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބަލާނެ ކަމަށެވެ.
މިކަމާ ގުޅިގެން އެފްއޭއެމުގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޝިބާއު މިއަދު ބުނީ ކޯޗުގެ އެ އަމަލު އެފްއޭއެމުން މިހާރު އަންނަނީ ދިރާސާކުރަމުން ކަމަށެވެ. އެކަމަކު އެފްއޭއެމް އަދި ޤައުމީ ޓީމުން މިވަގުތު ފޯކަސް ކުރަނީ ކުރިއަށް އޮތް ލުބުނާން މެޗަށް ކަމަށްވެސް ޝިބާއު ބުންޏެވެ.
މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދަން ރާއްޖެއިން ބޭނުންވާނަމަ ލުބުނާން އަތުން މޮޅުވުން ރާއްޖެއަށް މުހިންމެވެ. އެއީ މި ގްރޫޕްގެ ދެވަނައިގައި އޮތް ބަންގްލަދޭޝް އާއި ތިންވަނައިގައި އޮތް ރާއްޖެއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ލަނޑުންވެސް އެއްވަރުވެފައި އޮތުމުންނެވެ.
ބަންގްލަދޭޝް އަތުން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 20 އަހަރަށްފަހު ރާއްޖެ ބަލިވުމާ ގުޅިގެން ކޯޗު އިސްތިއުފާ ދޭނެ ކަމަށް މީގެ ކުރިން ބެލެވުނު ނަމަވެސް، ކޯޗު ވަނީ މިއަދުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.