ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް އިޢުލާންކުރެއްވި ބިންވެރިޔާގެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދަވާ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އިއުލާންކުރެއްވުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ ދެ ޕްރޮގްރާމަކީވެސް ގިނަ ބައެއްގެ ޝަޢުޤުވެރިކަން ލިބުނު ޕްރޮގްރާމެއްކަމަށެވެ.
ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަކަމަށާއި، އަދި އެއީ ހައްލުތަކެއް ގެނައުމަށް ސަރުކާރުން އެންމެ ބޮޑު އިސްކަމެއްވެސް ދެއްވާ އެއް މައްސަލަވެސްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ސަރުކާރުގެ ފުރިހަމަ ޕްލޭނެއް އެބައޮތްކަމަށެވެ. އަދި ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތުގައި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"މިދިޔަ ބުރާސްފަތި ދުވަހު ކެބިނެޓްގެ ބައްދަލުވުމެއް ބޭއްވުމަށްފަހު. ސަރުކާރުން ނިންމަވާފައިވަނީ މި ޕްރޮގްރާމަށް ކޮލިފައިވެފައި ހުރި ހުރިހާ ފަރާތަކަށް ގޯތި ދިނުމަށް ސިޔާސަތެއްގެ ގޮތުގައި ނިންމަވައިގެން ކުރިއަށްދާނީއޭ. އެހެންނަމަވެސް ރައީސް އެންމެ ފުރަތަމަ އިއުލާންކުރެއްވި 5000 ގޯއްޗަށް އެ ވާ ގޯތި ލިސްޓު މިއަދު ފެނިވަޑައިގަންނަވާނެ. ސިޔާސަތެއް އެބައޮތް މި ލިސްޓް ލައިވްކޮށް ބާއްވައިގެން ބާކީ ތިބި ފަރާތްތަކަށް އެކަން ހަމަޖެއްސުމަށް ކަންކަން ތަރުތީބުކުރާނެ ގޮތްވެސް" އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެތައް ޒަމާނަކަށްފަހު ގޯތި ލިބޭކަން ކަށަވަރުގެންދާއިރު، މިއީ މާލޭގެ ގިިނަ ރައްޔިތުންތަކަކަށް އުފާވެރިކަމެއްގެ ފެށުމަށްވާނޭކަމަށް މިނިސްޓަރ ސިފަކުރެއްވިއެވެ. އަދި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެއްވުމަށް މަސައްކަތްކުރަމުންދާއިރު، މި މައްސަލައަށް ޖުމްލަ ހައްލެއް އަންނަނީ ރާއްޖެއެކުގައި ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއެކުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ސަރުކާރުގެ ސަރަހައްދީ ތަރައްޤީއާއި އިޤްތިޞާދީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް އެބަދޭ އެހެން ސަރަހައްދުތަކުގައި. ރާއްޖޭ 3 ސަރަހައްދަށް، ބަހަލާއި، އެ ސަރަހައްދުތައް 6 ޒޯނަކަށް ބަހާލައިގެން އެކި ކަހަލަ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް އެ ދަނީ ކުރިއަށް. އެއަރޕޯޓްތައް އެކި ހިސާބުތަކުގައި ތަރައްޤީކުރުމާއި ދަތުރުފަތުރުގެ ނިޒާމްތަކުން ގުޅާލުމުގެ މަސައްކަތްތައް ކުރިއަށް އެބަދޭ. ވަރަށް ބައިވަރު މަސައްކަތްތައް ކުރިއަށް އެބަގެންދޭ ސަރުކާރުގެ އެކި ހިސާބުތަކުގައި. މި ހުރިހާ ކަމެއް ވެނިމުމުން އަޅުގަނޑުމެން ޤަބޫލުކުރަނީ މާލެއަށް ދިމާވެފައި އޮތް މައްސަލައަށް ޖުމްލަ ހައްލެއް ލިބިގެންދާނީ" އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުން އުއްމީދުކުރަނީ ކަނޑައަޅާފައިވާ ސިޔާސަތުތައް ކުރިއަށްގެންދިއުމަށް މަގުފަހިވެފައި އޮންނާނެ ގޮތަށް ރައްޔިތުންވެސް މަސައްކަތްކުރައްވާނެކަމަށެވެ. އޭރުން ކުރިއަށް އޮތް 5 އަހަރަކީ މިއަދަށްވުރެ މާފާގަތި ދުވަސްތަކެއް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންދާނޭ ދުވަސްތަކަކަށް ވެގެންދާނޭކަމަށް އަސްލަމް ވިދާޅުވިއެވެ.