ޚަބަރު

މާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު އިޢުލާންކުރައްވަނީ


  • ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު ހަވީރު 4 ޖަހާއިރު އާއްމުކުރައްވާނެ

  • މާލޭ ސަރަޙައްދުން ހިލޭ ގޯތި މި ދޫކުރަނީ 40 އަކަށް އަހަރު ފަހުން

  • މި ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަކީ ރައީސްގެ މުހިންމު ވަޢުދުފުޅެއް

ބިންވެރިޔާ މަޝްރޫޢުގެ ދަށުން ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓު މިއަދު އާއްމުކުރަން ނިންމަވައިފިއެވެ. މިކަމާގުޅޭގޮތުން ބާއްވާ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ހަވީރު 4 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓަކްޗަރއާއި ގެދޮރުވެރިންގެ ކޮމިޓީގެ މެމްބަރު ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ގޯތި ލިބޭ މީހުންގެ ލިސްޓު ގެޒެޓުކުރާނެއެވެ.


މާލެ ސަރަޙަށްދައް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް މާލޭގެ ރަށްވެހިންނަށް ގޯއްޗާއި ފްލެޓު ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ވަޢުދުފުޅެކެވެ. މިގޮތުން ރައީސް ވަނީ މާލެ ސަރަަހއްދުންމާލޭގެ ރައްޔިތުންނަށް 5000 ގޯތި ދެއްވުމަށް ނިންމަވާ އެކަން އިޢުލާންކުރައްވާފައެވެ.

އަދި 4000 ފްލެޓު ތަރައްޤީކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މީގެތެރެއިން 3000 ގޯއްޗާއި 4000 ފްލެޓަށް ކުރިމަތިލުމަށް ސަރުކާރުންވަނީ މިދިޔަ އަހަރުގެ ޖޫން މަހު ޢިއުލާންކުރައްވާފައެވެ. މިމަޝްރޫޢަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މުއްދަތު ހަމަވީއިރު، ގޯއްޗަށް އެދި 15000 އަށްވުރެ ގިނަ މީހުން އަދި ފްލެޓަށް އެދި ކުރިމަތިލުމަށް 20000 އަށްވުރެ ގިނަ މީހުންވަނީ ކުރިމަތި ލާފައެވެ.


މިމަޝްރޫޢުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި، ގުޅޭފަޅުންނެވެ. މިގޮތުން ހުޅުމާލެއިން 1000 ގޯތި އަދި ގުޅީފަޅުން 2000 ގޯތި ދޫކުރުމަށްވަނީ ނިންމަވާފައެވެ. މީގެއިތުރުން މިމަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 4000 ފްލެޓު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިންޑިއާގެ 2 ކުންފުންޏަކާއި ޙަވާލުކޮށްގެން އަންނަނީ ތަރައްޤީކުރަމުންނެވެ.