ކުއީންސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ކާލޯސް އަލްކަރާޒް ހޯދައިފިއެވެ.
މިއީ އަލްކަރާޒްއަށް މިހާތަނަށް ކާމިޔާބު ކުރި ފުރަތަމަ ގްރާސް ކޯޓް މުބާރާތެވެ. މުބާރާތް އަލްކަރާޒް ކާމިޔާބުކުރީ ރޭ ކުޅުނު ފައިނަލްގައި އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯއަރ އާއި ބައްދަލުކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް އަލްކަރާޒް ކާމިޔާބުކުރީ ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ.
މި ކާމިޔާބީއާއެކު އަލްކަރާޒް އަށް އަނެއްކާވެސް މިވަނީ ދުނިޔޭގެ ރޭންކިންގގެ އެއްވަނައަށް އަރާފައެވެ. އަދި މިއާއެކު މިއަންނަ މަހުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ވިމްބަލްޑަން އޯޕަންގައި އޭނާ ވެގެންދާނީ އެއްވަނައަށް ސީޑްކުރެވިފައިވާ ކުޅުންތެރިޔާ އަށެވެ.
މެޗަށްފަހު ވާހަކަދައްކަމުން އަލްކަރާޒް ހާމަކުރިގޮތުގައި ވިމްބަލްޑަންގައި އެއްވަނައަށް ސީޑް ކުރެވުން ލިބޭ ފައިދާ ވަރަށް ބޮޑު ވާނެކަމަށެވެ. އަދި މިކަން ޙާޞިލު މިކުރެވުނީ ވޭތިވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޭނާއަށް ކުޅިބެލުންތެރިންގެ ފަރާތުން ލިބިގެންދިޔަ ފުރިހަމަ ތާއީދުގެ ސަބަބުންކަން އަލްކަރާޒް ފާހަގަކުރިއެވެ.
ކްއީންސް މުބާރާތަކީ މީގެކުރިން ވަރަށް ގިނަ ފާހަގަ ކޮށްލެވޭ ކުޅުންތެރިން ކާމިޔާބުކޮށްފައިވާ މުބާރާތެއް ކަމުން މިތަށީގައި އެކުޅުންތެރިންނާއެކު އޭނާގެ ނަންވެސް ހިމެނިގެން ދިއުމަކީ އޭނާއަށް ލިބިގެންދާ ވަރަށް ބޮޑު އުފަލަކާއި ފަހުރެއްކަމުގައި އަލްކަރާޒް ހާމަކުރިއެވެ.
މިއީ އަލްކަރާޒް ގްރާސް ކޯޓްގައި މިހާތަނަށް ކުޅުނު ތިންވަނަ މުބާރާތެވެ. އަދި މިމުބާރާތުގައި ދެއްކި ކުޅުމާއި ވިމްބަލްޑަންގައި ސަރބިއާގެ ނޯވަކް ޖޯކަވިޗްއަށް ތަށި ދިފާއު ކުރުމުގައި ކުރިމަތިވާނެ އެންމެ ބޮޑު ހުރަހަކަށް ވެގެންދާނީ އަލްކަރާޒް ކަމުގައި މިހާރު ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ.