ބާމިންހަމް ކްލަސިކުގެ ޗެމްޕިއަންކަން މުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވާ ލެޓްވިއާގެ ޔެލޭނާ އޮސްޓަޕެންކޯ ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން އޮސްޓަޕެންކޯ ހޯދީ ފައިނަލްގައި މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވިފައިވި ޗެކް ރިޕަބްލިކްގެ ބާބޮރާ ކްރެއިސިކޯވާ އާއި ބައްދަލުކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.
މެޗްގެ ފުރަތަމަ ސެޓް ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. މިގޮތުން ފުރަތަމަ ސެޓް ހައެއް ހަޔަކުން ދެކުޅުންތެރިން އެއްވަރުވެ ޓައި ބްރޭކަކަށް ގޮސް އޮސްޓަޕެންކޯ ކުރި ހޯދީ ދިހައެއް އަށަކުންނެވެ. އަދި ދެވަނަ ސެޓް އޭނާ ކާމިޔާބުކުރީ ހައެއް ހަތަރަކުންނެވެ.
މިއީ މިފަހަރުގެ މުބާރާތުގައި ތިން ސެޓަށް ނުގޮސް އޮސްޓަޕެންކޯއަށް ކާމިޔާބުކުރެވުނު ފުރަތަމަ މެޗެވެ. މެޗަށްފަހު ވާހަކަދައްކަމުން އޮސްޓަޕެންކޯ ހާމަކުރިގޮތުގައި މިއީ ވިމްބަލްޑަން ޓެނިސް މުބާރާތަށް ތައްޔާރުވުމަށް ލިބިގެންދިޔަ ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި މި މުބާރާތުގައި ދެއްކުނު ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށްވެސް އޭނާ ހާމަކުރިއެވެ.
ނަމަވެސް ވިމްބަލްޑަން އަންނަންވާއިރަށް އަދި ރަނގަޅުކޮށްލަން ޖެހޭ ބައެއް ކުދިކުދި ކަންތައްތައް އެބަހުރިކަމަށްވެސް އޭނާ ހާމަކުރިއެވެ.