އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީއަށް ކުޅެމުން އައި ސެނެގާލުގެ ތަޖްރިބާކާރު ޑިފެންޑަރ ކަލިދޫ ކުލިބާލީ، ސައުދީ ޕްރޯ ލިގުގެ އަލް ހިލާލަށް ސޮއިކޮށްފިއެވެ.
ކޯލީބާލީ އަލް ހިލާލްއަށް ސޮއިކުރި އަގު އަދި ހާމަކޮށްފައެއް ނުވެއެވެ. އުމުރުން 32 އަހަރުގެ ކޯލީބާލީ އިޓާލިއަން ސެރީއާގެ ނަޕޯލީއިން ޗެލްސީއަށް ބަދަލުވެފައިވަނީ މިދިޔަ ސީޒަން ފެށުމުގެ ކުރިން ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ނަމަވެސް މިދިޔަ ސީޒަން ވެގެންދިޔައީ ކޯލީބާލީގެ އިތުރުން ޗެލްސިއަށްވެސް މާ ކާމިޔާބު ސީޒަނަކަށް ނޫނެވެ. ޤަބޫލުކުރެވޭ ގޮތުގައި ކޯލީބާލީއަކީ ޗެލްސީގެ އައު ކޯޗް މައުރީސިއޯ ޕޮޗެޓީނޯގެ ޕްލޭނަށް ފެތޭ ކުޅުންތެރިއަކަށް ނުވާތީ ޗެލްސީން ވަނީ އޭނާ ދޫކޮށްލުމުގެ މަސައްކަތް ސީޒަން ނިމުމާއެކު ފަށާފައެވެ.
ކޯލީބާލީ ވަނީ މިދިޔަ ސީޒަންގައި ޗެލްސީއަށް 32 މެޗް ކުޅެދީފައެވެ. އަދި ދެ ލަނޑުވެސް ކާމިޔާބުކޮށްދީފައިވެއެވެ. އޭނާގެ ޓްވިޓަރގައި ހާމަކުރިގޮތުގައި ޗެލްސީގެ ޖަރޒީލުމުގެ ފުރުޞަތު ލިބިގެންދިއުމުން އުފާކުރާ ކަމަށާއި، އަދި މިދިޔަ ސީޒަން އެންމެ ބޭނުންވި ގޮތަށް ނުދިޔަ ނަމަވެސް ސަޕޯޓަރުންގެ ފަރާތުން ލިބިގެންދިޔަ ތަރުޚީބަށް ޝުކުރު އަދާކުރާ ކަމަށެވެ.
ޔޫރަޕްގެ ކްލަބްތައް ދޫކޮށް ސަޢުދީ ލީގަށް ބަދަލުވަމުންދާ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ޢަދަދު މިއަންނަނީ އިތުރުވަމުންނެވެ. މިއާއެކު ފެނިގެންދަނީ ސަޢުދީ ޢަރަބިއްޔާއިން އަންނަނީ ސަޢުދީ ޕްރޯ ލީގަކީ ދުނިޔޭގައި އެންމެ ވަރުގަދަ 5 ލިގުގެ ތެރެއިން ލީގަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގައި ބޮޑެތި ކުރި އެރުންތަކެއް ހޯދަމުން އަންނަ ތަނެވެ.