އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ބީގައި ބޫޓާން ބަލިކޮށް ސެމީ ފައިނަލާ ގާތަށް ލުބުނާން ޖެހިލައިފިއެވެ.
ސްރީ ކަންތީރަވާ ސްޓޭޑިއަމުގައި މިރޭ ކުޅުނު މި މެޗު ލުބުނާނުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ލުބުނާނުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަޑެކެވެ. މި ލަނޑަށްފަހުވެސް ލުބުނާނުން ވަނީ ބޫޓާނުގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ލުބުނާނުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ އަލީ އަލް ހާޖެވެ. މިއީ ބޫޓާންގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި މެޗުގެ 35 ވަނަ މިނެޓުގައި ލުބުނާނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޙަލީލް ބަދަރްއެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލުބުނާނުން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ މަހްދީ ޒެއިންއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ބޫޓާނުން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް، ލުބުނާނުގެ ގޯލަށް ނުރައްކާކުރިއެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ބޫޓާންގެ ކިންގާ ވަންގްޗުކް ފޮނުވާލި ހަމަލާއެއް، ލުބުނާނުގެ ގޯލްކީޕަރު އަލްދޫހީ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ބޫޓާން ކެޕްޓަން ޗެންޗޯ ފޮނުވާލި ހަމަލާވެސް ކީޕަރު އަލްދޫހީ ވަނީ މަތަކޮށްފައެވެ.
އޭގެ ދެ މިނެޓު ފަހުން ބޫޓާނުގެ ކެޕްޓަން ޗެންޗޯއަށް ލުބުނާނުގެ ކެޕްޓަން މުޙައްމަދު އަލީ ދައިނީ ކުރި ފައުލަކާ ގުޅިގެން ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު ބޫޓާންގެ ޗެންޗޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. ނަމަވެސް މެޗުގެ 79 ވަނަ މިނެޓުގައި ބޫޓާނުން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޗެންޗޯއެވެ. މިއީ ޑޯޖީގެ އެހީތެރިކަމާއެކު ޗެންޗޯ ޖަހައިދިން ލަނޑެކެވެ.
މި ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނައިގައި އޮތް ލުބުނާނަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނަ އަދި ތިންވަނައިގައި އޮތް ރާއްޖެ އާއި ބަންގްލަދޭޝްއަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި އޮތް ބޫޓާނަށް ޕޮއިންޓެއް ނުލިބެއެވެ.
ގްރޫޕް ބީގެ ފަހު މެޗުގައި ލުބުނާން ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. އަދި ބޫޓާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.