30 މީހުންނާއެކު ނ. އަތޮޅު ވެލިދޫއަށް ދަތުރު ކުރަމުންދިޔަ ލޯންޗަކަށް ރާޅެއް އަރާ އަޑިއަށް ހިނގައްޖެއެވެ.
އެމް.އެން.ޑީ.އެފުން ވިދާޅުވީ، 30 މީހުންނާއެކު މާލެއިން ފުރައިގެން ނ. ވެލިދޫއަށް ދަތުރުކުރަމުންދިޔަ "ލީޖަން 7" ނަމަކަށްކިޔާ ލޯންޗަކަށް ރާޅެއް އަރައި އަޑިއަށްދިއުމުގެ ސަބަބުން އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މި ލޯންޗަށް ރާޅު އަރާފައިވަނީ ނ. ރަންދެލި ރިސޯޓު ކައިރިން ކަމަށާއި، ލޯންޗު އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަދެފައިވާ ކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވިއެވެ. އަދި ލޯންޗު އަޑިއަށް ގޮސްފައިވަނީ ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބިފަހުން ކަމަށްވެސް އެމް.އެން.ޑީ.އެފުން ވިދާޅުވިއެވެ.
މިދުވަސްވަރު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވެ، ވިއްސާރަކުރަމުންދާތީ ކަނޑުދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއްދެއްވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދުދެމުންނެވެ.