ޚަބަރު

ތިމާވެށި ހިމާޔަތްކުރުމުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ދައްކަނީ މިސާލެއް


  • ކާބަންފްރީ މެރިޓައިމް އިންޑަސްޓްރީއެއް ތަރައްގީކުރުމުގައި ކަނޑުދަތުރުކުރާ މުޖުތަމައުން ގިނަ މަސައްކަތްތަކެއް

  • ތިމާވެށި ހިމާޔަތްކުރުމުގައި ކަނޑުދަތުރުކުރާ ފަރާތްތަކުގެ އިސްނެގުމަކީ މިސާލެއް ގޮތުގައި ބަލައިގެން

  • ޝިޕިންގ އިންޑަސްޓްރީން ޖައްވަށް ބޭރުވާ ގްރީން ހައުސް ގޭސް މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރޭ

ތިމާވެށި ހިމާޔަތްކުރުމުގައި ކަނޑުދަތުރުކުރާ ފަރާތްތަކުގެ އިސްނެގުމަކީ މިސާލެއްގެ ގޮތުގައި ބަލައިގެން، އެކަމުން ހިތްވަރު ލިބިގަންނަންޖެހޭކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ސީމަނުންގެ ދުވަހާއި ގުޅިގެން ނެރުނު ބަޔާނުގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުއްވި ބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ދާއިރާގެ ކަންކަމުގެ ޒިންމާވާ ފަރާތެއްގެ ހައިސިއްުޔަތުން، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑުދަތުރުކުރާ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތުގެ އަގު ވަޒަންކުރާކަމަށެވެ. އަދި ސަރުކާރުގެ މަޤްޞަދަކީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން، އައިއެމްއޯއިން ކަނޑައަޅުއްވާފައިވާ ޤަވާއިދުތަކާއި ގައިޑްލައިންތަކުގެ ތެރެއިން ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުގެ ދުޅަހެޔޮކަމާއި މަސައްކަތުގެ ހާލަތު ރަނގަޅުކަމާއި ބޭނުންވާ ވަސީލަތްތައް ލިބެމުންދާކަން ކަށަވަރުކުރުންކަމަށެވެ. އެގޮތުން ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކަނޑުދަތުރުކުރުމުގެ ކަންކަމާއި ގުޅޭ އެސޯސިއޭޝަންތަކާއި ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުގެ ޕްރޮފެޝަން ކުރިއެރުމަށް ރައްކާތެެެރިކަަމަށް ފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްވެސް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނެރުއްވި ބަޔާނުގައިވެއެވެ.

ޓްރާންސްޕޯޓްގެ ބަޔާނުގައި ދުނިޔޭގެ ނޫ އިޤްތިޞާދުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް މި ސިނާއަތުގައި މަސައްކަތްކުރާ އަންހެހުންނާއި ފިރިހެނުންގެ ސާބިތުކަމާއި ހިތްވަރުވެސް ފާހަގަކުރެއްވިއެވެ. އަދި ކާބަން ފްރީ މެރިޓައިމް އިންޑަސްޓްރީއެއް ތަރައްގީކުރުމުގައި ކަނޑުދަތުރުކުރާ މުޖުތަމައުން އަމިއްލައަށް އިސްނަގައި ހަރާކާތްތެރިވުމުން އެ ފަރާތްތަކުގެ އިސްނެގުމުގެ ދައުރަށް ތައުރީފް ހައްޤުކަމާއި، ތިމާވެށި ހިމާޔައްކުރުމުގައި ކަނޑުދަތުރުކުރާ ފަރާތްތަކުގެ އިސްނެގުމަކީ މިސާލެއް ގޮތުގައި ބަލައިގެން އެކަމުން ހިތްވަރު ލިބިގަންނަންޖެހޭކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

"ޝިޕިންގ އިންޑަސްޓްރީން ޖައްވަށް ބޭރުވާ ގްރީން ހައުސް ގޭސް މަދުކުރުމަށް ކަނޑުދަތުރުފަތުރުގެ ސިނާއަތުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުން ނުހަނު ސާބިތުކަމާއެކު އަދި އެހާމެ ޖޯޝާ ފޯރީގައި ދަނީ އެ ފަރާތްތަކުގެ ހުނަރާއި ޤާބިލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް ތިމާވެއްޓާއި ރަށްޓެހި، ދެމެހެއްޓެނިވި އާދަތައް ކުރިއެރުވުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން" ބަޔާނުގައިވެއެވެ.

މިނިސްޓްރީން ވިދާޅުވީ ސަރުކާރުގެ އެހެނިހެން އިދާރާތަކާއި، ސިނާއަތުގައި ހަރަކާތްތެރިވާ ފަތާތްތަކާއި، ކަނޑުދަތުރުކުރުމުގެ ކަންކަމާއި ގުޅޭ އެސޯސިއޭޝަންތަކާއި ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުގެ ކުރިއެރުމަށާއި ރައްކާތެރިކަމަށް ފަހި މާހައުލެއް ޤާއިމްކުރުމައްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށެވެ. އަދި ދެމެހެއްޓެނިވި މެރިޓައިމް ސިނާއަތެއް ބިނާކުރެވޭނީ، ޢިޤްތިސާދީ ތަނަވަސްކަން މަގުފަހިކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމާއެކު، އަންނަން އޮތް ޖީލުތަކަށް އަގުހުރި ކަނޑުތައް ޙިމާޔަށްކޮށްދީގެންކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.