ކުއީންސް ޓެނިސް މުބާރާތުގެ ފައިނަލުން މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯއާ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލުން އަލްކަރާޒް ޖާގަހޯދީ ސެމީފައިނަލްގައި އެމެރިކާގެ ސެބަސްޓިއަން ކޯޑާ އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ.
މިމެޗަށްފަހު ވާހަކަދައްކަމުން އަލްކަރާޒް ހާމަކުރިގޮތުގައި މިމުބާރާތަށް ކުރިމަތިލީއިރު މުބާރާތް ކާމިޔާބުކޮށްފިއްޔާ ދުނިޔޭގެ އެއްވަނަ މަގާމް އަނެއްކާ އޭނާއަށް ލިބިގެންދާނެކަން ނޭނގޭ ކަމަށާއި އަދި ނަމަވެސް މިމެޗަށް ނިކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން އެކަން އެނގުމުން މިމުބާރާތް ކާމިޔާބު ކުރުމަށް ބޭނުންވެފައިވިވަރު އިތުރު ވެގެންދިޔަ ކަމަށެވެ.
އެހެންކަމުން ފައިނަލް މެޗަށްވެސް ނިކުންނާނީ ވަރަށް ފުރިހަމައަށް އެމެޗްވެސް ކާޟިޔާބު ކުރުމުގެ އަޒުމާއެކުކަމަށްއަލްކަރާޒް ހާމަކުރިއެވެ. ކްއީންސް މުބާރާތް ކާމިޔާބުކޮށްފި ނަމަ އަލްކަރާޒްއަށް ދުނިޔޭގެ ރޭންކިންގގެ އެއްވަނައިގެ އިތުރުން ކުރިއަށް އޮތް ވިމްބަލްޑަން ޓެނިސް މުބާރާތުގައިއެއްވެސް އެއްވަނައަށް ސީޑް ކުރެވިގެންދާނެއެވެ.
މުބާރާތުގެ ފައިނަލްގައި އަލްކަރާޒް ވާދަކުރުމަށް ހަމަޖެހިފައިވަނީ ޑި މިނޯއަރ އާއެވެ. އޭނާ ފައިނަލުން ޖާގަހޯދީ މިމުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވި ޑެންމާކްގެ ހޮލްގަރ ރޫން އާއި ސެމީފައިނަލްގައި ވާދަކޮށް އެމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ފުރަތަމަ ސެޓް ހައެއް ތިނަކުން ކާމިޔާބުކޮށް އަދި ދެވަނަ ސެޓް ޓައިބްރޭކަކަށް ގޮސް ހަތެއް ދެއަކުން ކާމިޔާބުކޮށްގެންނެވެ.