ބާމިންހަމް ކްލަސިކުގެ އަންހެން ސިންގަލްސް ފައިނަލުން އެއްވަނަ އާއި ދެވަނައަށް ސީޑް ކުރެވިފައިވާ ޗެކް ރިޕަބްލިކުގެ ބާބޯރާ ކްރެއިސިކޯވާ އާއި ލެޓްވިއާގެ ޔެލޭނާ އޮސްޓަޕެންކޯ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލުން އުމުރުން 27 އަހަރުގެ ކްރެއިސިކޯވާ ޖާގަހޯދީ ސެމީފައިނަލްގައި ޗައިނާގެ ޒޫ ލިން އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ދެއަކުންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ކްރެއިސިކޯވާ ހާމަކުރިގޮތުގައި ދުނިޔޭގެ ރޭންކިންގެ 10 ކުޅުންތެރިންގެ ތެރޭގައި އަލުން ހިމެނުމަކީ ލިބިގެންދާ އުފަލެއް ކަމަށާއި ނަމަވެސް މިއީ އަނެއްކާވެސް ނަންބަރަކަށް ވާތީ އޭނާ ބޭނުންވަނީ މިގޮތުގައި ހުއްޓާނުލާ އިތުރަށް ވަރުގަދައަށް ކުޅުމުގައި ދެމި ހުންނަން ކަމަށެވެ. އަދި ވިނައިގާ ކުޅުމަކީ ބަދަލުވެސް ވަރަށް ވިސްބައިގެން ކުޅެންޖެހޭ ކޯޓެއް ކަމުން ހުރިހާ ބޯޅައަކަށްވެސް ވަރަށް ފަރުވާތެރިވާން ޖެހޭކަމަށެވެ. މިމެޗްގައި އޭނާއަށް ހުރިހާ ކަމެއް ރަނގަޅަށް ދިޔައީކަމުގައި ކްރެއިސިކޯވާ ފާހަގަކުރިއެވެ.
މިމުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވާ އޮސްޓަޕެންކޯ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި ރަޝިއާގެ އަނަސްޓޭޝިއާ ޕޮޓަޕޯވާ އާއި ބައްދަލުކުރިމެޗް ދެސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ. މިގޮތުން ފުރަތަމަ ސެޓް ފަހެއް ހަތަކުން ކާމިޔާބުކުރީ ޕޮޓަޕޯވާއެވެ. ނަމަވެސް ޖެހިގެން އައި ދެސެޓްވަނީ އޮސްޓާޕެންކޯ ހައެއް ދެއެއް ަދި ހައެއް ހަތަރަކުން ކާމިޔާބުކޮށް ފައިނަލުން ޖާގަހޯދާފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން އޮސްޓަޕެންކޯ ހާމަކުރިގޮތުގައި ވިމްބަލްޑަންގެ ކުރިން ފައިނަލެއްގައި ކުޅެ އަމިއްލަ އިތުބާރު ވަރުގަދަ ކޮށްލަން ފުރުސަތު ލިބުމުން ހިތްހަމަ ޖެހޭކަމަށެވެ. އަދި މިމުބާރާތުގެ ހުރިހާ މެޗެއްހެން ސެމީފައިނަލް މެޗްވެސް ވަރަށް އުނދަގޫ ކަމަށާއި ފައިނަލް މެޗް މިއަށްވުރެ އުނދަގޫ ވާނެކަމަށް ގަބޫލް ކުރެވޭކަމަށެވެ.