ކުޅިވަރު

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖެއަށް ދެ ރަން މެޑެލް


ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ އައިޝަތު މާނިޔާ އާދަމާއި އައިޝަތު ލައިކާ ހަސަން ރަން މެޑެލް ހޯދައިފިއެވެ.

މާނިޔާ ރަން މެޑެލް ހޯދީ ބެޑްމިންޓަން އިވެންޓުންނެވެ. އަދި ލައިކާ ރަން މެޑެލް ހޯދީ ލެވެލް ބީ - އެފް7 ޑިވިޝަނުގެ 100 މީޓަރު ދުވުމުންނެވެ. ބެޑްމިންޓަންގެ އަންހެން ރަން މެޑެލް މާނިޔާ ހޯދިއިރު އޭނާ ވަނީ ފާހަގަކޮށްލެވޭ ނަތިޖާތަކެއް މިގޭމްސްގައި ހޯދާފައެވެ.

އަންހެން ކެޓެގަރީގެ ފައިނަލް މެޗު މާނިޔާ ކާމިޔާބުކޮށްފައިވަނީ ބަލްގޭރިއާގެ އެތުލީޓް ތިޔަންކަ ޖޯޖީވާއާ ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް މާނިޔާ ގެންދިޔައީ 21-19 އަދި 21-10 އިންނެވެ.

މި ގޭމްސްގައި މާނިޔާ ކުޅުނު ފުރަތަމަ މެޗުގައި ޖޯޑަންގެ ކުޅުންތެރިޔާ އަތުން ވަނީ 21-10 އަދި 21-12 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި މޮންގޯލިއާ ކުޅުންތެރިޔާ އަތުން 21-13 އަދި 21-15 އިންވެސް ވަނީ މޮޅުވެފައެވެ. މިއީ މި ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި ރާއްޖެއިން ވާދަކުރި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ލައިކާ ރަން މެޑެލް ހޯދީ ލެވެލް ބީ - އެފް7 ޑިވިޝަނުގެ 100 މީޓަރު ދުވުން 23.44 ސިކުންތުން ނިންމައިގެންނެވެ. މި ހީޓުގައި ރާއްޖޭގެ ޒާނާ އަލީ ޝަރީފުވެސް ވަނީ ދުވެފައެވެ. ޒާނާއަށް ލިބުނީ ހަތަރުވަނައެވެ. ޒާނާ ވަނީ އިއްޔެ އޮތް ލެވެލް ސީ - ޑިވިޝަން އެފްއޯ3 ކެޓަގަރީގެ 200 މީޓަރު ދުވުމުން ލޯ މެޑެލް ހޯދާފައެވެ.

މި ގޭމްސްގައި ރާއްޖެއިން ވަނީ މިހާތަނަށް ދެ ރަން މެޑެއްޔާއި އެއް ލޯ މެޑެލް ހޯދާފައެވެ.

މިއީ ރާއްޖެއިން މި ގޭމްސްގައި ވާދަކުރާ ދެވަނަ ފަހަރެވެ. މީގެކުރިން 2019 ވަނަ އަހަރު އަބޫ ދާބީގައި ބޭއްވި ވޯލްޑް ގޭމްސްގައި ރާއްޖެއިން ވާދަކުރީ ހަމައެކަނި އެތުލެޓިކްސްގައެވެ. އެ ފަހަރު ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހީމް ވަނީ ރަން މެޑެލް ހޯދާފައެވެ. އަދި ފިރިހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ ވަސްމީ ވަހީދު ވަނީ ރިހި މެޑެލް ހޯދާފައެވެ.