ކުޅިވަރު

އިންޑިއާ ސެމީއަށް، ނޭޕާލާއި ޕާކިސްތާން ކަޓައިފި


އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި ނޭޕާލް ބަލިކޮށް އިންޑިއާ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއިރު، ޕާކިސްތާނާއި ނޭޕާލް މުބާރާތުން ކަޓައިފިއެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމުގައި މިރޭ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު އިންޑިއާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ 16 ވަނަ މިނެޓުގައި އިންޑިއާގެ ޝަހަލް އަބްދުލް ސަމަދަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ނޭޕާލުގެ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ދެ މިނެޓު ފަހުން ނޭޕާލްގެ އަރިކް ބިސްޓާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ އިންޑިއާގެ ގޯލްކީޕަރު ގުރްޕްރީތު ސިންގެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ 53 ވަނަ މިނެޓުގައި އިންޑިއާގެ ޝަހަލް އަބްދުލް ސަމަދް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މެޗުގައި އިންޑިއާއިން ލީޑު ނެގީ މެޗުގެ 62 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ސުނިލް ޗެތުރީއެވެ. މިއީ މަހޭޝް ސިންގް ކުމަމުގެ އެހީތެރިކަމާއެކު ޗެތުރީ ކާމިޔާބުކުރި ލަނޑެކެވެ.

އަދި މެޗުގެ 70 ވަނަ މިނެޓުގައި އިންޑިއާއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަލިއަންޒުއެލާ ޗަންގޭޓެވެ. މިއީ ކައުންޓަރ އެޓޭކެއްގައި ޗެތުރީ ފޮނުވާލި ހަމަލާއެއް، ނޭޕާލުގެ ކީޕަރު ކިރަން ކުމާރު އަތުގައި ޖެހިފައި ހުރަސް ދަނޑިއަށް އަމާޒުވެ، ރީބައުންސަށް ނުކުތް ވަގުތު ޗަންގޭޓް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑަށްފަހުވެސް އިންޑިއާއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތް ކުވެއިތާއި ދެވަނައިގައި އޮތް އިންޑިއާއަށް ދެ މެޗުން ހަ ޕޮއިންޓް ވަނީ ލިބިފައެވެ. އަދި މި ދެ ޓީމަށް ސެމީ ފައިނަލުގެ ޖާގަ މިވަނީ ކަށަވަރުވެފައެވެ. ތިންވަނައިގައި އޮތް ނޭޕާލާއި ހަތަރުވަނައިގައި އޮތް ޕާކިސްތާނަށް ޕޮއިންޓެއް ލިބިފައެއްނުވެއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާއިން ނުކުންނާނީ ކުވައިތާ ދެކޮޅަށެވެ. އަދި ނޭޕާލުން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.