ޚަބަރު

އައިޖީއެމްއެޗްގެ އޭޓީއެމްއަށް ގެއްލުންވިޔަސް، އެއްވެސް ފައިސާއެއް ނުގެއްލޭ


އައިޖީއެމްއެޗްގައި ބަހައްޓާފައިވާ ބީއެމްއެލްގެ އޭޓީއެމްއަކަށް ގެއްލުންލިބިފައިވީނަމަވެސް އެއްވެސް ފައިސާއެއް ގެއްލިފައިނުވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

އައިޖީއެމްއެޗްގައި ބަހައްޓާފައިވާ އޭޓީއެމްތަކުގެ ތެރެއިން އެއް އޭޓީއެމް މެޝިނަށް ގެއްލުން ލިބިފައިވާ މައްސަލައެއް ފުލުހުންނަށް ރޭ ފަތިހު ވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް މިމައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ބީއެމްއެލްއިން ބުނީ، އޭޓީއެމްއަށް ގެއްލުންވެފައިވީނަމަވެސް އެއްވެސް ފައިސާއެއް ގެއްލިފައި ނުވަތަ ވަގަށް ގެންގޮސްފައި ނުވާކަމަށެވެ.

ބީއެމްއެލްއިން ބުނީ މިޙާދިސާގައި ގެއްލުންވެފައިވީނަމަވެސް، އޭޓީއެމްއަށް ލިބިފައިވަނީ ކުޑަ ގެއްލުމެއްކަމަށާއި އެއީ ގަސްތުގައި ކަސްޓަމަރަކު އޭޓީއެމްއަށް ގެއްލުން ދިނުމަށްކޮށްފައިވާކަމެއް ކަމަށް ނުބެލެވޭކަމަށެވެ. އަދި މީގެ ސަބަބުން އޭޓީއެމްގެ ޚިދުމަތް މެދުކެނޑިފައެއް ނުވާކަންވެސް ބީއެމްއެލްއިން ފާހަގަކުރެއެވެ.

ބީއެމްއެލްއިން ޤާއިމުކޮށްފައިވާ، އޭޓީއެމްތަކުގެ ސެކިއުރިޓީ އެބޭންކުން އަންނަނީ 24 ގަޑިއިރު ބަލަހައްޓަމުންނެވެ.