ކުއީންސް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން އެއްވަނައަށް ސީޑް ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ޖާގަ ހޯދައިފިއެވެ.
އަލްކަރާޒް މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލްގައި ގްރިގޯ ޑިމިޓްރޯވް އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ސެޓްތައް އަލްކަރާޒް ކާމިޔާބުކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ.
މުބާރާތުގެ ސެމީފައިނަލްގައި އަލްކަރާޒް ވާދަކުރާނީ އެމެރިކާގެ ސެބަސްޓިއަން ކޯޑާއާއެވެ. މިމުބާރާތުގެ ސެމީފައިނަލުން ކޯޑާ ޖާގަހޯދީ ކްއާޓަރ ފައިނަލްގައި އިނގިރޭސިވިލާތުގެ ކެމެރަން ނޯރީ އާއި ބައްދަލުކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިގޮތުން ފުރަތަމަ ސެޓް ހައެއް ހަތަރަކުން ކޯޑާ ކާމިޔާބުކުރިއިރު ދެވަނަ ސެޓް ޓައި ބްރޭކަކަށް ގޮސް ހަތެއް އެކަކުން ކާމިޔާބުކުރީ ކޯޑާއެވެ.
މި މުބާރާތުގެ ދެވަނަ ސެމީފައިނަލްގައި ބައްދަލުކުރާނީ ދެވަނައަށް ސީޑް ކުރެވިފައިވާ ޑެންމާކްގެ ހޮލްގަރ ރޫން އާއި އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯއުއެވެ. މިމުބާރާތުގެ ސެމީފައިނަލުން ރޫން ޖާގަހޯދީ ލޮރެންޒޯ މުސެއްޓީ އާއި ބައްދަލުކުރިމެޗް ހައެއް ހަތަރެއް އަި ހަތެއް ފަހަކުން ކާމިޔާބުކޮށްގެންނެވެ. އަދި ޑި މިނޯއު ޖާގަހޯދީ ފަރަންސޭސިވިލާތުގެ އެޑްރިއަން މަނަރީނޯ އާއި ބައްދަލުކުރިމެޗް ހައެއް ހަތަރެއް، ހަތަރެއް ހައެއް އަދި ހައެއް ހަތަރަކުން ކާމިޔާބުކޮށްގެންނެވެ.