ކުޅިވަރު

ރަތް ކާޑަށް އިންޑިއާ ކޯޗުގެ ފަރުވާލެއް ނެތް


އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އިންޑިއާއިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކްއަށް ދެއްކި ރަތްކާޑާމެދު ފަރުވާލެއް ނެތް ކަމަށް އޭނާ ބުނެފިއެވެ.

ޕާކިސްތާނާ ދެކޮޅަށް ކުޅުނު އެ މެޗު އިންޑިއާއިން ވަނީ 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިންޑިއާގެ އެސިސްޓެންޓް ކޯޗު މަހޭޝް ގައުލީ ވަނީ ކޯޗް ސްޓިމަކްއަށް ދެއްކި ރަތްކާޑަކީ ރަނގަޅު ކާޑެއް ކަމަށް ބުނެފައެވެ.

އިންޑިއާގެ ކޯޗު ސްޓިމަކް ކުރި ޓްވީޓެއްގައި ބުނީ އޭނާ އެގޮތަށް ކަންތައް ކުރީ ރެފްރީ ނަގަމުންދިޔަ ނުރަނގަޅު ނިންމުންތަކުން ކުޅުންތެރިން ސަލާމަތްކުރަން ކަމަށެވެ. އަދި އެކަން ތަކުރާރުކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ސްޓިމަކް ބުންޏެވެ.

ސްޓިމަކް އަކީ މީގެ ކުރިންވެސް އިންޑިއާގެ މެޗުތަކުގައި ފާޅުގައި ރެފްރީންގެ ނިންމުންތަކާ ފާޑުކިޔުމުގެ ސަބަބުން އަދަބު ލިބިފައިވާ ކޯޗެކެވެ.

މި މުބާރާތުގައި އިންޑިއާ ކުޅޭ ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެ މެޗުގައި ސްޓިމަކްއަށް ބައިވެރިއެއް ނުވެވޭނެއެވެ.